ކޮމަންޑޫ ބަނދަރު ހެދުމުގެ 73 އިންސައްތަ ނިމިއްޖެ

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 4 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ އީ.އައި.އޭ އެޕްރޫވަލް ލިބިފައިވަނީ 12 ނޮވެމްބަރު 2019 ގައެވެ. އަދި ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކާ ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް އެކުންފުނިން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މުޅިން ނިމިފައި ވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކެޕިންގ ބީމް ހެދުމުގެ މަސައްކަތްކަމަށެވެ. މުޅި މަޝްރޫޢު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކޮމަންޑޫ ފަޅުން 35،348 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ފުންކުރުމާއި، 14،731 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!