ފޮޓޯ: މިހާރު

ކުރީގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މީހަކު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ވަޒީފާއިން ވަކި ކުރުމުން އޭނާ އަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޔުއުކޭޝަންގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އެފިސަރެއްގެ މަގާމުގައި ހުރި މީހަކު، ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓްތަކަކާ ގުޅޭ މައްސަލައެކެވެ. މި ޕޯސްޓްތަކާއި ގުޅިގެން އޭނާވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން އެތަނުން ވެސް އޭނާގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް ހުކުމް ކޮށްފައެއް ނެތެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މަސްލަހަތަށް ރިޢާޔަތްކުރާއިރު، ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވާތީ، އޭނާއަށް ވަޒީފާ އަނބުރާ އިއާދަކޮށް ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް ބަދަލުގައި 21،000 ރުފިޔާ ދިނުމަށް އެންގިއެވެ. އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަ ޖެހޭ ދުވަހާއި އެމަޤާމުގައި ހުރިނަމަ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ ހުކުމްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!