ތުލުސްދޫ އާއި މަނަދޫ އަށް އެތެރެ ކުރި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ދެ ރަށަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮގަސްޓް 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެވެ.

މާލެއިން ފުރައިގެން ތުލުސްދޫއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ފިރިހެނެކެވެ.  އެމީހާ ހައްޔަރުކޮށްފައިވަނީ ތުލުސްދޫ ބަނދަރު ސަރަޙައްދުންނެވެ. އެމީހާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ދެވަނަ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން މަނދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މާލެއިން މަނަދޫއަށް އައި ބޯޓަކުން އެރަށަށް ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށްފައިވާއިރު، މި ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

މަސްތުވާތަކެތީގެ މި ދެ މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނާއި ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!