ދައުލަތުގެ ދަރަނި އޮޅުން ނުފިލާ އޮންނާނެ ކަމަށް ގަބޫލެއް ނުކުރަން: އަމީރު

މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުގައިވާ ގޮތަށް ދަރަނީގެ ހިސާބުތައް ނުބަހައްޓަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ކުރެއްވި ތުހުމަތުތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އިންކާރު ކުރައްވައިފި އެވެ.

އަމީރު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާތީ އެކަން ސާފުކުރުމަށް  ކުރިއަށްގެންދާ މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއަދު ކުރިއަށްދާ ކޮމިޓީއަށް މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމުގައިވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރާއި، އެމްއެމްއޭރުގެ ގަވަރުނަރު އަލީ ހާޝިމްއާއި، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކޮށްފައިވެ އެވެ.

އަމީރު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން ދަރަނި ނެގުމުގައި އަމަލު ކުރަމުން ގޮސްފައި ވަނީ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނާ އެއް ގޮތަށް ކަމަށެވެ.

“ދައުލަތުގެ ދަރަނި ސާފު ނުވުން، ދަރަނީގެ މައުލޫމާތު މަޖިލީހަށް ހިއްސާ ނުކުރުން، މި ދެ ކަމަށް ވެސް މިހާރުގެ މިނިސްޓަރުގެ ހައިސިއްޔަތުން އިންކާރު ކުރަން. ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ޒިންމާތައް ގާނޫނުތަކާ އެއް ގޮތަށް މިހާރު ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކަކީ ގާނޫނާ އެއް ގޮތްވާ ގޮތުގެ މަތީން.” އަމީރު ވިދާޅުވި އެވެ.

ދަރަނީގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާން ޖެހޭ ކަމަށް މާލއިްޔަތުގެ ގާނޫނުގައި ބުނާ ކަމަށާއި މިހާތަނަށް ލޯނާއި ސޮވްރިން ގެރެންޓީ ދީފައިވާނީ އެގޮތަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ ސިޔާސަތު ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅުމަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޮންނަ ކަމަށާއި ގާނޫނުގައި ވާގޮތަަށް އެ ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަމުން ދާކަމަށާއި އެގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން އެތަކެތި މަޖިލީހަށް ފޮނުވުމުގެ އިތުރުން އާއްމުކޮށް ޝާއިއުވެސް ކުރަމުން ގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ގާނޫނުގެ ދަށުން ދައުލަތުން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި، އޭގެ ކުރީ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 އިންސައްތައަށް ވުރެ އިތުރު ނުވާނެ ގޮތަށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!