ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން ރަޖިސްޓްރީ ކޮށްފި!

ކޮވިޑް-19 އަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން، ރަޝިއާގައި ރަޖިސްޓްރީކޮށްފި އެވެ.

ރަޝިއާގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި ވެކްސިން ރަޖިސްޓްރީ ކޮށްފައިވާކަން އިއުލާން ކޮށްފައިވަނީ އެގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އެވެ.

ސަރުކާރުގެ މިނިސްޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ކޮވިޑާއި ދެކޮޅަށް ބޭނުން ކުރާނެ ވެކްސިނެއް ރަޖިސްޓަރ ކުރެވިފައިވާ ކަމަށެވެ.

ޕުޓިން ވިދާޅުވީ ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާގެ ނަތީޖާތައް ވަރަށް ރަނގަޅު ކަމަށާއި ވެކްސިން ރަޖިސްޓަރ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޓެސްޓުތަކެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން މި ވެކްސިން އޭނާގެ ދަރިކަނބަލެއްގެ ގަޔަށް ޖަހާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ އަކީ މުޅި ދުނިޔެ އިން ވެސް މި ބައްޔާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކޮށް ރަޖިސްޓަރ ކުރި ފުރަތަމަ ގައުމެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 20,258,229 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ބަލީގައި ވަނީ 738,965 މީހުން މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 13,189,347 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!