ގައުމު ސޮވަރިން ޑީފޯލްޓަކަށް ނުދާނެކަން ޔަގީން: އަމީރު

ދިވެހިރާއްޖޭގެ ސޮވަރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ސާފުނުވާ ކަމަށް ބުނެ، މަޖިލީހުގެ މުޅި ކޮމިޓީއިން މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދާ ޖަލްސާގައި މިނިސްޓަރު އަމީރު މިއަދު ހާޒިރުވެ ވަޑައިގެން ވިދާޅުވީ، ސޮވަރިން ގެރެންޓީ ނުވަތަ ދައުލަތުން ޖާމިނުވާގޮތަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާތޯ އާއި ނުދައްކާތޯ ފިނޭންސުން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށެވެ. އަދި ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެން ދާނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އެ ވާހަކަ މާ ބޮޑު ކަމަކަށް ހަދައިގެން ނުދައްކަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް މުހިންމުވާތީއާ އެކު ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ސަރުކާރާއި ހަވާލުވުމަށް ފަހު އަބަދުވެސް ދައްކަމުން އައި އެއް ވާހަކައަކީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދަރަނި އިތުރުވާ މިންވަރު ދަށްކުރުމަށް ގައުމުގެ އުފެއްދުންތެރިކަން އިތުރުމުގެ ވާހަކަތައް ކަމަށާއި އެގޮތުން މިހާތަނަށް ހުށަހެޅި ބަޖެޓުގައި އެމިންވަރުތައް ހުންނާނީ ހިފެހެއްޓިފައި ކަމަށެވެ. 

އެކަމަކު ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރުގެ ދަރަނި މަތިވާނެ ކަމަށާއި އެގޮތުން ޖީޑީޕީ 11.3 އިންސައްތައަށް ދަށަށް ދާނެ ކަމަށެވެ. “އަޅުގަނޑު ހަމަ ޔަގީންކަން ދެން މި މަޖިލީހަށް އަޅުގަނޑުމެން ސަރުކާރުން މިހާރުގެ ފިނޭންސް މިނިސްޓްރީން، މަސައްކަތް ކުރަން އަޅުގަނޑުމެން މިތާ ތިއްބާ ސޮވެރިން ޑިފޯލްޓަކަށް ނުދާނެ،” މިނިސްޓަރު ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!