ދެވަނަ ފިޔަވަހީގެ ދަށުން އިންކަމް ސަޕޯޓަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިނާޔަތަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ޖުލައި މަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރު މަހު އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވަނަ ފިޔަވަހީގެ ދަށުން އެލަވަންސް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ފިޔަވަހީގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރުމަހަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ ދެވަނަ ފިޔަވަހީގައި މި އެލަވަންސް އަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި https://jobcenter.mv މެދުވެރިކޮށް އޮންލައިން ފޯމަކުންކަމަށެވެ. އަދި އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓަރ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް އެމިނިސްޓްރީން އެދެއެވެ. އަދި އީފާސްގައި ރަޖިސްޓްރީވުމާ އެޕްލިކޭޝަން ހުށަހެޅުމާބެހޭ ތަފްސީލް ޖޮބްސެންޓަރގައި ޝާއިޢުކުރެވިފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ޖުލައިމަހުގެ އިނާޔަތަށް ޝަރުތު ހަމަވާނެ ކަމަށެވެ. އަދި ޖުލައިގެ އިނާޔަތަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓު ކަމަށެވެ. އަދި އޮގަސްޓުމަހުގެ އިނާޔަތަށް ޝަރުތު ހަމަވާނީ އޯގަސްޓްމަހުގެ 1 އިން 31 އޯގަސްޓް ގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކެވެ. މި އިނާޔަތަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓެވެ.

މީގެއިތުރުން 1 ސެޕްޓެމްބަރުން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް އިނާޔަތްތަކަށް އެދި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން އާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!