ކޯވިޑްއާ ދެކޮޅަށް ކުރާ މަސައްކަތަށް އެސްޑީއެފްއިން 7.7 މިލިއަން ޑޮލަރުގެ އެހީއެއް

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކް ގައުމުތަކުން ކުރާ މަސައްކަތަށް ސާކް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ޖުމްލަ 7.7 މިލިއަން ޑޮލަރު ދޫކުރަން ނިންމާފައިވާކަމަށް އެ ފަންޑުގެ ބޯޑުން ބުނެފި އެވެ.

ސާކް ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއިން ބުނީ މިދިޔަމަހު ފަހުކޮޅު ބޭއްވި އެސްޑީއެފްގެ ބޯޑް ބައްދަލުވުމުގައި ކޯވިޑްއާ ދެކޮޅަށް ސާކްގެ އެކި ޤައުމުތަކުން ހިންގާ މަސައްކަތްތަކަށް 7.7 މިލިއަން ޑޮލަރު ނުވަތަ 118 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށެވެ.

އެސްޑީއެފްއިން ބުނީ ސާކްގެ މެމްބަރު 8 ޤައުމުގެ ތެރެއިން 7 ޤައުމަކުން 7 ޕްރޮޕޯސަލެއް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ރާއްޖެއާއެކު، ބޫޓާން، އަފްޤާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއިން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާކަމަށް އެސްޑީއެފްއިން ބުނެއެވެ. އަދި މި ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ ޤައުމުތަކުގެ ހެލްތު މިނިސްޓްރީތަކުންކަމަށްވެސް އެސްޑީއެފްއިން ބުނެއެވެ.

އެސްޑީއެފްއިން ބުނީ ރާއްޖެއިން 1.2 މިލިއަން ޑޮލަރަށް އެދިފައިވާއިރު، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއިންވެސް 1.2 މިލިއަން ޑޮލަރަށް އެދިފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުން 1.54 މިލިއަން ޑޮލަރަށް އެދިފައިވާއިރު ބަންގްލަދޭޝްއިން 1 މިލިއަން ޑޮލަރަށް އެދިފައިވާކަމަށް އެސްޑީއެފްއިން ބުނެއެވެ.

އެސްޑީއެފްއިން ބުނީ މިފައިސާއިން ކޯވިޑްއާ ދެކޮޅަށް ކުރާ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެކަމަށެވެ. އެގޮތުން އައިސީޔޫތައް ތަރައްޤީކުރުމާއި، ސިއްހީ ކަންކަމަށް މީހުން ހޭލުންތެރިކުރުމާއި، ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!