ބަރެސްދޫ މަޝްރޫއަށް ފައިސާދެއްކި ބައެއް ފަރާތްތަކަށް އަނބުރާ ފައިސާ ދީފި

ކޯޓު އަމުރުގެ ދަށުން ބަރެސްދޫ މަޝްރޫގެ ފައިސާ އަނބުރާ ހޯދަން އެދުނު ފަރާތްތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމިއްޖެކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއައިޓީޑީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ބަރެސްދޫ މަޝްރޫއު ހިންގަން ސަރުކާރުން އުފެއްދި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޝްރޫއު ދޫކޮށް ނުލައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދަން ގާނޫނީ ހުރަހެއް ވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ބަރެސްދޫ މަޝްރޫއު ކުރިއަށް ގެންދަން ލޯނެއް ނެގުމުގެ ވިސްނުމެއް އެ ކުންފުނީގައި ނެތެވެ.

ރާއިދު ވިދާޅުވީ މަޝްރޫގައި ބައިވެރިވުމަށް ދެކުންފުންޏަކުން ދެއްކި ފައިސާ އަނބުރާ ހޯދުމަށް ކޯޓުގައި ކުރި ދައުވާ ސާބިތުވެ، އެ ދެކުންފުންޏަށް ކޯޓު މެދުވެރިކޮށް ފައިސާދައްކާ ނިމިފައިވާކަމަށެވެ. އަދި މިދެކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން 21 ހާސް ރުފިޔާ ދޫކޮށް، ފައިސާ ޑޮލަރަށް ބަދަލުކޮށް ޗެކް އިޝޫކޮށްފައިވާކަމަށެވެ.

“ފައިސާ ދައްކަން މިނިސްޓްރީ އޮފް ފައިނޭންސުން ވެސް އެއްބާރުލުން އެބަ ދެއްވާ. މި ފައިސާ ދައްކަން ޖެހެނީ ޑޮލަރުން. ޑޮލަރު ހޯދަން ވަރަށް ދަތި. ޑޮލަރު ހޯދައިގެން ފައިސާ ދެއްކުމުގެ މަސައްކަތް ވާނީ ފަށާފައި. މި ފައިސާއަކީ ކުރީގެ މެނޭޖުމަންޓުތަކުން ފޮޓޯ ދައްކައިގެން ނެގި ފައިސާ. މި މެނޭޖުމަންޓުން އެފަދަ ކަމެއް ކޮށްފައެއް ނޯންނާނެ ހަމަ ޔަގީނުން ވެސް،” ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ ޖެނުއަރީގައި އައު މެނޭޖްމަންޓުން އެމްއައިޓީޑީސީއާއި ހަވާލުވިއިރު މަޝްރޫޢު ހިންގުމަށް ކުރީގެ މެނޭޖްމަންޓުން އެކި ފަރާތްތައް މެދުވެރިކޮށް 3.58 މިލިއަން ޑޮލަރު ނަގާފައިވާކަމަށެވެ. މީގެތެރެއިން އަދިވެސް ނުދައްކާ 2 މިލިއަން ވުރެ ގިނަ ޑޮލަރު ހުރިއިރު، މަޝްރޫޢުގައި ބައިވެރިވި އެކި ފަރާތްތަކުން 6 ލައްކަ ޑޮލަރު އަނބުރާ ހޯދުމަށް އެދިފައިވާކަމަށެވެ.

ބަރެސްދޫ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. ލ. ބަރެސްދޫގައި ހިންގަން އިއުލާނު ކުރި އިންޓަގްރޭޑެޓް ޓޫރިޒަމްގެ މި މަޝްރޫއުގެ ދަށުން 25 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެސްޓްހައުސް އަޅަން ނިންމާފައިވެ އެވެ. މީގެ އިތުރުން މޫދު ކޮޓަރި ހިމެނޭ ގޮތަށް 100 އެނދުގެ ހޮޓަލެއް އަޅަން ވެސް ޕްރޮޖެކްޓުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!