މާލީ ބަޔާން ހުށަނޭޅުނީ މައުލޫމާތު ނުލިބިގެން: ޕީޖީ ޝަމީމް

މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތުގައި އެ ބަޔާން ހުށަހެޅިފައިނުވަނީ އެކަމަށް ބޭނުންވާ މައުލޫމާތު ނުލިބިގެންކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސެޓް ޑިކެލަރޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ވަޒީރުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، ކުރީގެ ބައެއް ވަޒީރުންނާއި މިހާރުގެ ބައެއް ވަޒީރުން މަގާމާއި ހަވާލުވި ފަހުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން އެސެޓް ޑިކްލަރޭޝަން ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ޕީޖީ ޝަމީމް ހުށަނާޅުއްވަނީ މަގާމާއި ހަވާލުވުމާއެކު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

އެކަމާ ގުޅިގެން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލީ ބަޔާން ހުށަހެޅިފައިނުވަނީ، އޭގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުންކަމަށާއި، އެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެންނަވާފައިވާނެކަމަށް ކަމަށެވެ.

“މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ. ބަޔާން އާއްމު ކުރާނަން،” ޝަމީމް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!