ސޮއިނުކޮށް ހުރި މަޝްރޫއުތައް އަދި ކުރިއަށް ނުގެންދެވޭނެ: އަސްލަމް

މިއަހަރު ބަޖެޓުގައި ހިމަނާފައިވާ ވީނަމަވެސް މިހާތަނަށް ކޮންޓްރެކްޓުގައި ސޮއިނުކޮށް ހުރި މަޝްރޫއުތައް އަދި ކުރިއަށް ނުގެންދެވޭނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެ ދާއިރާތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މިވަގުތު ކޮންޓެކްޓްގައި ސޮއިނުކުރެވި ހުރި މަޝްރޫޢުއެއްވާނަމަ އެ މަޝްރޫޢުތައް މިއަހަރު ފެށެން ނެތްކަމަށާއި، އެމަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ދައުލަތުގެ ބަޖެޓުން ޖާގަ ލިބުމުންކަމަށެވެ. އެހެންކަމުން މިވަގުތު ސޮއިކޮށްފައިވާ ކޮންޓެކްޓްތަކުގައި ހިމެނޭ މަޝްރޫޢުތައް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ބަޖެޓްގައި ހިމަނާފަ ކޮންޓެކްޓްގަ ސޮއިކުރެވިފައިނުވާ މަޝްރޫޢުތައް މިވަގުތު ކުރިއަށް ގެންދެވޭކަށް ނެތް. ބަޖެޓުން ޖާގަ ލިބިގެން ނޫންގޮތަކަށް ފައިނޭންސް އެރޭޖުމަންޓެއް ހެދިގެން ނޫންގޮތަކަށް ފެށޭކަށް ނެތް. ނަމަވެސް ބަޖެޓްގައި ހިމަނާފަ ކޮންޓެކްޓްގައި ސޮއިކުރެވިފައިވާ މަސައްކަތެއްނަމަ ކުރިއަށްދާނެ.”

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.45 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި 2.2.ބިލިއަން ރުފިޔާގެ މަޝްރޫޢުއަކީ މުޅިން އަލަށް ފަށާ މަސައްކަތްތެކެވެ. މިއަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢޫތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ޓެންޑަރ މަރްޙަލާ ނިމިފައިވާ މަޝްރޫޢުތައްކަމަށްވެސް މިނިސްޓަރ އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!