ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ

ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ހަމަޖައްސާދީފައިވާކަމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.

އެސްޑީއެފްސީ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އެ ބޭންކުން ވަނީ މިހާތަނަށް 1760 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފަ އެވެ. 

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ 1239 ފަރާތަކަށް ލޯނު ދޫކުރަން ނިންމާފައި ވާއިރު، އެއީ 291.2 މިލިއަން ރުފިޔާ އެވެ. އަދި އަމިއްލަ މަސައްކަތްކުރާ 521 ފަރާތަކަށް ދޫކުރަން ނިންމާފައި ވަނީ 15.5 މިލިއަން ރުފިޔާ އެވެ. 

ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 462 ފަރާތަކަށް 98.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ މަސައްކަތްކުރާ 86 ކަނބަލަކަށް ހަމަޖައްސާފައިވާ 2.5 މިލިއަން ރުފިޔާއާއި، ވިޔަފާރި ހިންގާ 376 ކަނބަލަކަށް ދޫކޮށްފައިވާ 95.8 މިލިއަން ރުފިޔާ ހިމެނެއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!