ރައީސް ނަޝީދު ޝަރީފަށް: ހުތުރުކޮށް ނޫޅުއްވާނެ ކަމަށް 100 ފަހަރު ލިޔޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވައިގެން، ހުތުރުކޮށް ނޫޅުއްވުމަށް 100 ފަަހަރު ލިޔުއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޝަރީފް ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި މަޖިލީހުގައި އަޑުގަދަ ކުރައްވަން ފައްޓަވާފައެވެ.

އެގޮތުން ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ވަޒީރުން މަޖިލީހަށް ވަޑައިގެން ސުވާލަކަށް ޖަވާބު ދެއްވުމުން މަޖިލީހުގެ ރައީސް ދައްކަވާ ވާހަކަފުޅުތަކުން ވާންވީ ގޮތެއް، ވާން އުޅޭ ގޮތެއް އަދި ސިޔާސަތަކީ ކޮބައިކަން ސާފުނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުމުން ބައެއް ފަހަރު ވަޒީރު އިތުރުފުޅު ހައްދަވަނީ ކަމަށް ހީވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޝަރީފް، މަޖިލިހުގެ ނިޒާމަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހެއްދެވީމަ، އެކަމުން އެހެން މެމްބަރުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

“މަރަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން، 100 ފަހަރު ލިޔުއްވަން އެގޮތަށް ހުތުރުކޮށް، ހަޑިކޮށް ނޫޅުއްވުމަށް،” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!