ޕީޖީ އާއި ދެ މިނިސްޓަރަކު މާލީ ބަޔާން ހުށަނާޅުއްވާ

މިހާރު ކެބިނެޓުގައި ތިއްބެވި ދެ މިނިސްޓަރަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ކެބިނެޓު މިނިސްޓަރުން މާލީ ބަޔާން ހުށަހަޅުއްވަން ލާޒިމު ކުރަނީ ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުންނެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން އެ މާއްދާއިން ލާޒިމް ކުރެ އެވެ.

އޮޑިޓް އޮފީހުން ހާމަ ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާރު މަގާމުގައި ތިއްބެވި ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން 2018 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް އަދި 2019 ވަނަ އަހަރުވެސް އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

މީގެއިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ޕީޖީ ޝަމީމް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

މީގެއިތުރުން މި ސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ ޝަރީފާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދުވެސް އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަނާޅުއްވަ އެވެ.

މަގާމާ ހަވާލުވަޑައިގެންނެވިއިރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރުގެ މާލީ ބަޔާން ހުށަނާޅުއްވާ ވަޒީރުންގެ ތެރޭގައި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!