މި ފޮޓޯ ނެގި ދަރިވަރަށް މަރުގެ އެތައް އިންޒާރެއް

އެމެރިކާގެ ޖޯޖިއާ ހައި ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ހިއްސާ ކުރި ފޮޓޯއަކާއި ގުޅިގެން އޭނާއަށް އެތައް މަރުގެ އިންޒާރެއް ލިބިއްޖެއެވެ.

ނޯތް ޕައުލްޑިންގް ހައި ސްކޫލްގައި ކިޔަވަމުން ދިޔަ ހަނާ ވޮޓާސް ހިއްސާކުރި ފޮޓޯއިން ފެންނަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި ސްކޫލްގެ ހޯލްވޭގައި މާސްކު ނާޅައި ތޮއް ޖެހިގެން ތިބި ތަނެވެ. އެ ސްކޫލުން 6 ދަރިވަރަކާއި 3 ފެކަލްޓީ މެމްބަރުން ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ވަނީ އޮންލައިންކޮށް ކިޔަވައިދިނުަމަށް ނިންމާފައިއެވެ.

ހަނާ ހިއްސާކުރި ފޮޓޯއާއި ގުޅިގެން އޭނާ ވަނީ ސްކޫލްގެ ގަވާއިދާއި ހިލާފުވިކަމަށް ބުނެ ސްކޫލް އިން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އާންމުންގެ ނުރުހުންތައް އަމާޒުވުމާއި ގުޅިގެން ހަނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

ހަނާ ބުނިގޮތުގައި ސްކޫލް ބަންދުކުރުމާއި ގުޅިގެން ސްކޫލްގެ އެތައް ދަރިވަރުންނެއް އޭނާއަށް ދަނީ އެކި އެކި އިންޒާރު ދެމުންނެވެ. ހަނާ ބުނީ އޭނާ އެ ފޮޓޯ ހިއްސާކުރީ އެއީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީއެވެ.

” އަހަންނަށް އެނގޭ އެ ނުރައްކާތެރި ހާލަތުގައި ގިނަ ޓީޗަރުންވެސް އެދެނީ ސްކޫލް ބަންދުކުރަންކަން. އެކަމަކު އަހަންނަށް އެނގޭ އަހަރެންނާއި އެކީ ސްކޫލަށް ދާ ކުދިންގެ ގޮތް. މިހާރުވެސް އެކި ކަހަލަ ބިރު ދެއްކުމާއި އިންޒާރުތައް ދަނީ ލިބެމުން.” ހަނާ ބުންޏެވެ.

ހަނާ ބުނީ އެކަން ސްކޫލުގެ ސަމާލުކަން ގެނައެމުން އޭނާއަށް އެކަމަށްޓަކައި ބައެއް މީހުން ތައުރީފުވެސް ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!