ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފި

ބެއިރޫތުގައި ހިނގާދިޔަ ގޮވުމުގެ ހާދިސާއަށްފަހު މުޅި ޤައުމުގައި ޚިޔާނާތާއި ފިތުނައާއި ފަސާދަ ޢާންމުވެފައިވާކަމަށް ބުނެ މިހާރު އެ ސިޓީގައި ކުރިއަށްގެންދާ މުޒާހަރާތަކާއި ގުޅިގެން ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފި އެވެ.

ލުބްނާންގެ ސަރުކާރު އިސްތިއުފާ ދީފައިވާކަން މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން އިއުލާން ކުރެއްވީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ދިޔާބްއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 160 މީހުން މަރުވެ، 6،000 މީހުންވަނީ ޒަޚަމުވެފައެވެ. އެ ހާދިޘާ ހިނގީ ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ.

މި ގޮވުންތަކުގެ ޒިންމާ ސަރުކާރުން އުފުލައި އިސްތިޢުފާ ދޭން ޖެހޭކަމަށް ބުނެ ފާއިތުވި ތިން ދުވަހު އެ ޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. މުޒާހަރާތައް ހޫނުވެ، ޢާންމުންވަނީ ފުލުހުންނާ ދިމާލަށް ގައު އުކައި ސަރުކާރުގެ އިދާރާތަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީސް ހުންނަ އިމާރާތް ކައިރީގައިވަނީ ހުޅުޖަހައިފައެވެ.

ޤައުމާ މުޚާތަބުކުރައްވަމުން ބޮޑުވަޒީރު ދިޔާބު ވިދާޅުވީ ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅުގައި އޭނާ ފަހަތަށް ޖެހިވަޑައިގަންނަވަނީ ރައްޔިތުންނާއެކު ދެމިތިބުމަށްކަމަށާއި އިޞްލާޙީ ބަދަލުތައް ގެނައުމަށް ރައްޔިތުންނާ އެއް ސަފެއްގައި މަސައްކަތްކުރެއްވުމަށްކަމަށެވެ. ޤައުމަށް ކުރިމަތިވި ހިތާމަވެރި ހާދިޘާގެ އަސްލަކީ ޚިޔާނާތާއި ފިތުނައާއި ފަސާދަކަމަށާއި އެ ހާދިޘާ މެދުވެރިވުމުގެ ޒިންމާ ރައްދުވާ ފަރާތްތަކަށް ޙައްޤު ޢަދަބު ލިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދިޔާބުގެ ސަރުކާރު އިސްތިއުދާ ދީފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ތާއީދުވެސް ގެއްލުމާއެކުގައެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 3 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!