ބޮޑުފިނޮޅު މައްސަލައިގައި ވަކީލުންތަކެއްގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަނީ

ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން ވަކީލުންތަކެއް ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބުނެ އެ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށައަޅަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އާރުއައިއެކްސްގެ ފަރާތުން ބޮޑުފިނޮޅަށް ގެންގޮސްފައިވާ 198 ބިދޭސީންގެ ތެރެއިން ބަޔަކު 2020 ޖުލައި 02 ވަނަ ދުވަހު އެރަށުގައި ހަމަނުޖެހުން ހިންގާ، ބަޔަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންނާ މެދު ލަކުޑިއާއި، ދަގަނޑާއި، ގާ ބޭނުންކޮށްގެން މާރާމާރީ ހިންގައި، ފުލުހުންގެ އުޅަނދަށް ގެއްލުންދިން ކަމަށެވެ.

އަދި ބޮޑުފިނޮޅުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައާ ގުޅިގެން އެކަމުގައި އަމަލީގޮތުން އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ބަނގްލަދޭޝްގެ 19 ބިދޭސީން ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާނީ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ކަނޑާއަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ. 

“މި މައްސަލާގައި ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން، 19 ބިދޭސީންގެ ނަމުގައި އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފަތުރާ ފުލުހުންގެ މަސައްްކަތާއިމެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،”

ފުލުހުން ބުނީ 19 ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން ވަކީލުން ހަމަޖައްސާ އިތުރު ފަސް މީހަކަށް ޓްރާސްޕޭރަންސީން ވަކީލުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަމުންދާ ވަކީލުން ނޫސްބަޔާންތަކާއި މައުލޫމާތުތައް އާންމު ކުރަމުންދަނީ ވަކީލަކު ހަމަޖެހިފައިވާ 10 މީހުންގެ ވަކީލުންނަށް އެނގުމެއްނެތިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ 10 މީހުންނަށް އައްޔަންވެފައިވާ ވަކީލުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމެއް ނެތި، އަދި އެވަކީލުންނާ އެއްވެސް މައުލޫމާތެއް ހިއްސާކުރުމެއް ނެތިކަމަށް ވެސް މިސާވިސްއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ނޫސްބަޔާން ނެރެ، ޓީވީ ޕްރޮގްރާމްތަކަށާއި، ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރަމުންދަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އައްޔަންވެފައިވާ ވަކީލުންނާއި އެއްވެސް ގުޅުމެއް ނެތިކަމަށާއި، އަދި ފުލުހުންގެ ތަހްގީގުން ޓްރާންސްޕޭރަންސީގެ ފަރާތުން އައްޔަންވި ވަކީލުންނަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ވެސް ފާހަގަކުރާ ކަމަށެވެ. 

އަދި އެ ބިދޭސީންގެ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއް ގަސްދުގައި ތަހުގީގަށް ހުރަސް އަޅާއ، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭ ކަމަށް ބެލެވޭ ގޮތަށް މައްސަލައާ ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވާ ތަހްގީގް ރެކޯޑިގް ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަހްގީގަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުމާއި ގުޅޭ ބައެއް މައުލޫމާތުތައް އާންމު ފަރާތްތަކަށް އޮޅޭގޮތަށް މިމައްސަލައިގައި މީޑިޔާގައި ވާހަކަ ދައްކާ ވަކީލުން ބޭނުންވާ ވަކި ގޮތަކަށް ބަޔާންކޮށް ހިނގަމުންދާ ތަހްގީގަށް ނުރަނގަޅު އަސަރު ފޯރާގޮތަށް މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހިލާފަށް ހާމަކޮށް ވަކި ނަތީޖާތަކެއް ނެރުމަށްޓަކަ މަސައްކަތް ކުރާ ކަމަށެވެ. 

އެހާދިސާގައި ހަމަނުޖެހުން ހިންގި ފަރާތުން އެކި ވަރުގެ އަނިޔާދިން ފުލުހުންނަށް ލިބިފައިވާ އަނިޔާއަކީ އެހާދިސާ ހިނގި ދުވަހު ފުލުހުން ބިރުން ދުވަންފެށުމުގެ ތެރޭގައި އެތަނުގައި ހުރި ހޮޅިތަކުގައި ޖެހިގެންނާއި މޫދަށާއި އަދި އެނޫން ތަންތަނަށް ވެއްޓިގެން ލިބުނު އަނިޔާތަކެއްކަމަށް މަލާމާތުގެ ރާގެއްގައި ބަޔާންކޮށް ޖިނާއީ ތަހުގީގުތަކުގައި ބައިވެރިވާ ވަކީލުން އާންމުކޮށް އަމަލުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާއި ހިލާފަށް ތަކުރާރުކޮށް އަމަލުކުރާކަން ވެސް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަގީގަތާއި ހިލާފް ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތްކުރަމުންކުރާކަން ފާހަގަކުރެވި ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ވަކީލުން ކޮށްފައިވާ ކަންކަން ބަލައިދޭން ބާ ކައުންސިލްއަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!