ސަރުކާރާއި މަޖިލީހުން މީޑިއާ ރެގިއުލޭޓް ކުރެވޭ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން ކޮމިޓީން ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބްރޯޑް ކާސްޓިންގް ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލައި މީޑިއާ ކޮމިޝަނެެއް އުފެއްދޭ ގޮތަށް އަދި އެ ކޮމިޝަނަށް މެންބަރުން އައްޔަންކޮށް އަދި ވަކިކުރުން ސަރުކާރާއި މަޖިލީހަށް ބާރު ލިބޭ ގޮތަށް ބިލެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީ އިން އެޓާނީ ޖެނެރަލް އޮފީހަށް ލަފާދޭން ފާސްކޮށްފި އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަން ނިންމައި އެކަމާ ގުޅޭ މަސައްކަތް ކުރިއަށް ގެންދަން މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލި އެވެ. އެ ކޮމިޓީގައި ތިއްބެވީ ކުރީގެ ދެ ނޫސްވެރިން ކަމުގައިވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

މިއަދު ކޮމިޓީގައި ވަނީ ސަބް ކޮމިޓީ އިން ހޯދި ހޯދުންތަކާއި ފާހަގަކުރެވުނު ނުކުތާތައް ހުށަހަޅައިފަ އެވެ. އެ ރިޕޯޓްގައި ވަނީ ބްރޯޑްކޮމް އާއި އެމްއެމްސީގެ އިތުރުން އާއި އައިކޮމް ވެސް އާ ކޮމިޝަންގެ ތެރެއަށް ގެނައުމަށެވެ. އެ ގޮތުން މައި ކޮމިޓީން ފާސްކުރީ އާ ކޮމިޝަންގެ ދަށުގައި އޮންނަ މިނިވަން ލޭޔާއެއްގެ ގޮތުގައި އައިކޮމް ބޭއްވުމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބްރޯޑްކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް އާ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަނަށް ލިބޭ ގޮތަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްއަށް ލިބިދީފައިވާ މެންޑޭޓްތައް ވެސް އާ ކޮމިޝަންގެ ގާނޫނުގައި ހިމެނުމަށް އޭޖީއަށް ހުށަހަޅަން ކޮމިޓީން މިއަދު ފާސްކުރި އެވެ.

ސަބް ކޮމިޓީއަށް ފާހަގަވި 10 ކަމެއް ހިމަނައި އެ ކޮމިޓީއިން އެކުލަވާލި ސިޓީގައި ބުނެފައި ވަނީ ބްރޯޑްކޮމްއާ މީޑިއާ ކައުންސިލް އަދި އައިކޮމް އެއް މުއައްސަސާއަކަށް ބަދަލުކުރަން ފެންނަ ކަމަށެވެ.

އެ ތިންތަން އެއްކޮށްލާފައި މީޑިއާ ކޮމިޝަނުގެ ނަމުގައި ފަސް މެމްބަރުން ހިމެނޭ މުއައްސަސާއެއް އުފައްދަން ވެސް ފެންނަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަނު ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އަދި މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ދޭ ގޮތަށް ވަނީ ސިޓީގައި ހިމަނާފަ އެވެ.

މީގެ އިތުރުން މީޑިއާތައް ރަޖިސްޓްރީ ކުރުމާއި މީޑިއާތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި މީޑިއާތައް އުވާލުމާއި މޮނިޓާ ކުރުމާއި އެހެނިހެން ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އޮންނާނީ މީޑިއާގެ އާ ކޮމިޝަނަށް ރިޕޯޓްގައި ބުނެފައިވެ އެވެ. މީޑިއާތައް ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީ ބެލެހެއްޓުން މިހާރު އޮންނަނީ ހޯމް މިނިސްޓްރީ ދަށުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!