ވަޒީފާއަށް އަސަރުކުރި މީހުންނަށް ޑިސެމްބަރު މަހުން ފެށިގެން އެލަވެންސް ދެނީ

ކޮވިޑް-19 އާ ގުޅިގެން އެބައެއްގެ ވަޒީފާއަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްދޭ ގޮތަށް އެ އުސޫލު ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ “ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެސް ދިނުމާ ބެހޭ އުސޫލު” ގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާއި ގުޅިގެން އެބަޔެއްގެ ވަޒީފާ އަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ނިންމާފައިވާ ކަމަށެވެ.

މީގެެ ކުރިން އެލަވެސް ދެމުން އައިސްފައިވަނީ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ކަމަށް ބަލާނީ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވައިފައިވުމާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވުމެވެ.

ވަޒީފާ އަދާކުރާ ފަރާތްތައް ކަމަށް ބުނެފައިވަނީ، ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮވެގެން ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ނަމަވެސް، 1 ޑިސެމްބަރ 2019 އިން ފެށިގެން އެލަވަންސަށް އެދި ހުށަަހަޅާ ތާރީޚީ ހަމައަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި، އެއްވެސް ފަރާތެއްގެ ދާއިމީ ވަޒީފާއެއްގައި ނުވަތަ ވަގުތީ ވަޒީފާއެއްގައި ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ވެސް ހިމެނެއެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް މިއުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލެވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ. މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ.

މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ ފަސްހާސް ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ފަސްހާސް ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެމީހަކަށް ލިބޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެއެވެ. ނަމަވެސް ފަންނާނުންނާއި އާާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭ ގޮތަށް މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް މި އުސޫލުގެ ދަށުން އެލަވެންސަށް ކުރިމަތި ލެވޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސްއެމްއީ ބޭންކުން ލޯނުގެ ގޮތުގައި އެހީއެއް ދޫކޮށްފައިވާނަމަ، މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މެއި، ޖޫން މި ތިންމަހުގެ އެލަވަންސުން އެ ފަރާތެއް އިސްތިސްނާ ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި އުސޫލުގައި ބުނާގޮތުން އެލަވަންސް ދޭނީ ހަމަސް ދުވަހުގެ މުއްދަތަށް މިއަހަރުގެ އޭޕްރީލް، މެއި، ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ދެވޭ އެލަވަންސްގެ ގޮތުގައެވެ. އެލަވަންސަށް އެދި ހުށަހަޅާނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ފޯމަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!