އަޑިއަށް ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށްފި

ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ލޯންޗުން 7 މީހުން ދަތުރުކުރިކަމަށާއި މި އެންމެންގެވެސް ހާލު ރަނގަޅުކަމަށެވެ. އަދި ލޯންޗު އަޑިއަށް ދާން ފެށުމުން އެއްބަޔަކު ފިނޮޅަށް ފޭބިކަމަށާއި އަނެއް ބަޔަކު ލޯންޗު ކައުރީގައި މަޑުކުރީކަމަށެވެ. އަދި ލޯންޗް އަޑިއަށް ދިޔައީ ދިޔަވެ ކޮންޓްރޯލް ނުވެގެންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!