ކޮވިޑް-19 ވެކްސިން ލިބޭ ލިސްޓްގައި ރާއްޖެ ހިމެނޭ: މިނިސްޓަރ އަމީން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ ވެކްސިން ދޫކުރާ ފުރަތަމަ ގައުމުތަގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާ ކަމަށާއި، އެގޮތުން ޑަބްލިއުއެޗްއޯއާއި މަޝްވަރާތައް ވެސް ކުރެވެމުންދާ ކަމަށެވެ.

“ވެކްސިންގެ ކަންކަމުގައި ޑަބްލިއުއެޗްއޯގެ ބެއްލެވުމުގެ ދަށުން ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ކަންކަން ދާނީ، އެގޮތުން އަޅުގަނޑުމެންގެ ރާއްޖެ މިހާރުވެސް ލިސްޓް ކުރެވިފައިވަނީ. ވެކްސިނެއް ލިބި ދުނިޔޭގެ ގައުމުތަކަށް ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ނިޒާމުގެ ތެރެއިން އެކަމުގައި ރާއްޖެ ބައިވެރިވެފައިވާނެ. ރާއްޖެއަށް އިރާދާކުރެއްވިއްޔާ ވެކްސިން އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،” އަމީން ވިދާޅުވިއެވެ.

ނަމަވެސް ވެކްސިން ލިބޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ދަންވަން ނޭނގޭކަމަށް އަމީން ވިދާޅުވިއެވެ. ކޮވިޑް-19 ގެ ވެކްސިން އުފައްދާ ގައުމުތަކުގެ ނުވަތަ ކުންފުނިތަކުގެ މަސައްކަތް ފައިނަލް ސްޓޭޖަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ވެކްސިން އުފައްދަމުންދާއިރު، ރާއްޖެއިން މަސައްކަތް ކުރަމުންދަނީ ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެކްސިން ހޯދުމަށެވެ. އަދި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާނީ ޑަބްލިޔުއެޗްއޯއިން ކަމަށާއި ޑަބްލިޔުއެޗްއޯއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިމުގައި ވެސް ވަކި ހަމަތަކެއް ގެންގުޅުންވާ ކަމަށާއި އެގޮތުގެ މަތިން ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނޭ ކަމަށް އަމީން ވިދާޅުވިއެވެ.