މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ގަތުމުގެ ފުރުސަތު

މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ނީލަމުގައި ގަތުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހުޅުވާލައިފިއެވެ.

މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަޝްރޫޢަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ހިންގި ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެކެވެ.

މި މަޝްރޫގެ ދަށުން އދ. މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފަށާފައެވެ. މި 4 ރަށުގެ 19 ގޭބީސީއަކަށް މަޝްރޫޢުގެ ޚަރަދުގައި ކުދި ފާނައާއި، ކޮށްޓާއި، މަސްކާނާ ދަނީ ހަވާލުކުރަމުންނެވެ. މިހާތަނަށް ފާނަ ދޫކޮށްފައި ވަނީ މަހިބަދޫއާއި އޮމަދޫން ހޮވާލެވުނު ޖުމްލަ 11 ފަރާތަކަށެވެ.

ނީލަމުގައި ވިއްކާލަން ފިޝަރީޒް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ އދ. މަހިބަދޫގެ 7 ފަރާތަކުން ބޮޑުކޮށްފައިވާ ފާނަތައްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މޫދުކޮށީގައި ބޮޑުކޮށްފައިވާ ފާނަ ގަތުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

އދ. މަހިބަދޫން މިމަސައްކަތަށް ހޮވާލެވުނު 7 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް 1000 ކުދި ފާނައާއި، ފާނަ ކޮށްޓާއި، މަސްކާނާގެ އިތުރުން ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު އެ މިނިސްޓްރީން ވަނީ ދީފައެވެ. މިހާތަނަށް ބަހިބަދޫން 3353 ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ބަރުދަނުގައި 400 ގްރާމަށްވުރެ ބޮޑެވެ.

ނީލަމުގައި ފާނަ ވިއްކާލުމަށް ފިޝަރީޒް މިނިސްޓްރީން ނިންމާފައިވަނީ، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވިހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!