ބޭރުތެރޭގައި މާސްކް ނާޅާ މީހުން އުޅޭތީ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލެ ސިޓީގައި މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް ބޭރު ތެރޭގައި މާސްކް ނާޅާ މީހުން އުޅޭތީ މާލޭ މޭޔަރު ޝިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް-19 ރާއްޖޭގައި ބާރަށް ފެތުރޭތީ މިހާރު ވަނީ ބޭރަށް ނިކުންނަ އިރު މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. މޭޔާރު ރޭ ކުރެއްވި ޓްވީޓެއްގައި ބުނީ މާސްކް ނާޅާ އުޅޭ ނަމަ މާލެ ސަރަހައްދު އަނެއްކާވެސް ފުލް ލޮކްޑައުނަށް ދާން ޖެހިދާނެ ކަމެކެވެ. އަދި، މޭޔަރު ވަނީ މާލޭގައި ހިންގާ ކެފޭތައް ކައިރީ ޓޭކްއަވޭ ނަގައިގެން ވާހަކަދައްކަން ތިބޭ މީހުންނަށްވެސް އެކަން ހަނދާންކޮށްދީފަ އެވެ.

ޝިފާ ވަނީ ކޮފީ ޝޮޕް ތަކާއި ކަންކަން މަތީ ބޮނޑިބޮނޑި އަށް މަޑުނުކުރުމަށްވެސް އެދިފަ އެވެ. އަދި އެގޮތަށް އެކަން ކުރަމުން އަންނާތީ އެކަން އެހެން ނުކުރުމަށް އެދި މާސްކު އެޅުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.

ޝިފާގެ ޓްވީިޓަށް ރައްދު ދިން މީހަކު ބުނީ ކޮފީ ޝޮޕްތައް ބަންދުކުރަން ޖެހޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގައިިވެސް ލޮކްޑައުން އަށް ލުއިތައް ދިނީ އެއްފަހަރާ ނޫން ކަމަށާއި ރާއްޖޭގައި އޮފީހާއި ޖިމް އަދި ކޮފީ ޝޮޕްތައް އެއްފަހަރާ ހުޅުވުމުން ނުރުހުން ފާޅުކުރި އެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ކޭސްތައް ވަނީ 5،000 އަށް ވުރެ އިތުރުވެފަ އެވެ. ޕޮސިޓިވް ކޭސްތައް އިތުރުވަމުންދާއިރު އާ ފިޔަވަޅުތަކުން ޕީކް ލަސް ކުރެވުނަސް ބަލިޖެހޭ މީހުންގެ އަދަދު ދަށް ނުވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

އަދި، ކޭސްތައް މަދު ނުވާނަމަ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރަންޖެހިދާނެ ކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!