ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހަމަޖައްސާފައިވަނީ އައިޝަތު ސާމިޔާ އެވެ. ޕީއެސްގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ސާމިޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ޕޮލިސީ އަދި އިންޓަނޭޝަނަލް ހެލްތު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

އައިޝަތު ސާމިޔާ އަކީ 2017 ވަނަ އަހަރުގައި ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީ އިން މާސްޓާ އޮފް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އޮސްޓްރޭލިޔާގެ ކާޓިން ޔުނިވާސިޓީއިން ބެޗެލާ އޮފް ހެލްތު އިންފޮމޭޝަން މެނޭޖްމަންޓްގެ ދާއިރާއިން ވެސް ތައުލީމު ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޞިއްޙީ ދާއިރާގެ ކަންކަމުގައި ސާމިޔާ މަސްޢޫލުވެއުޅުއްވާތާ 21 އަހަރު ވެފައިވާއިރު، މި ދާއިރާއިން އެންމެ ފުރަތަމަ އަދާ ކުރެއްވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ. އޭގެފަހުން ސާމިޔާވަނީ އައި.ޖީ.އެމް.އެޗާއި ހެލްތު މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

އެގޮތުން ހެލްތު މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި، ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޜަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ސާމިޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ނެޝެނަލް ހެލްތު ރިސަރޗް ކޮމިޓީ އާއި ނެޝެނަލް ހެލްތު ކައުންސިލުގެ މެންބަރެއްވެސްމެއެވެ.

މި ވަޒީފާތަކުގެ އިތުރުން ސާމިޔާއަކީ ޕްރޮފެޝަނަލް ޔޯގާ އިންސްޓްރަކްޓަރެކެވެ. އަދި ވިލާކޮލެޖުގެ މާސްޓަރސް އޮފް ޕަބްލިކް ހެލްތުގެ ދަަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާ ޕާރޓް-ޓައިމް ލެކްޗަރާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!