ދުނިޔޭގެ ނިސްބަތުން ސަރުކާރުގެ ހާމަކަން ހުރީ ކިހާ މިންވަރެއްގައިތޯ ބަލަނީ

ދުނިޔޭގެ ނިސްބަތުން ސަރުކާރުގެ ހާމަކަން ހުރީ ކިހާ މިންވަރެއްގައިތޯ ބެލުމަށް ފިސިކަލް ޓްރާންސްޕޭރަންސީ އިވެލުއޭޝަންއެއް ހެދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށްޓަވައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އަދި އެމަސައްކަތް ވަރަށް ރަނގަޅަށް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ސަރުކާރުގެ ހާމަކަން ހުރީ ކިހާ މިންވަރެއްގެތޯ ބެލުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖެ ވާނީ މިމަސައްކަތް ފަށާ ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމަކަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

” އައިއެމްއެފްއިން އެކުލަވާލާފައި އެބައޮތް ފިސިކަލް ޓްރާންސްޕޭރަންސީ ކޯޑެއް، ކޯޑުގައި މިހުންނަނީ ދައުލަތަކުން ހާމަކުރުމުގެ ކަންކަން ބައްޓަންކުރަންވީ އެކަށީގެންވާ މިންގަނޑުތަކެއް. މިނިސްޓްރީގެ ފަރާތުންވެސް ވާނެ އައިއެމްއެފްގައި އެދިފައި، އެކޯޑަށް ކިހާ ވަރަކަށް ތޯ ކޮމްޕްލައި ވަނީ، ފިސިކަލް ޓްރާންސްޕޭރަންސީ އިވެލުއޭޝަންއަކަށް ވާނީ ރިކުއެސްޓްކޮށްފައި. މިއަހަރުގެ ނިޔަލަށް އެމަސައްކަތްވެސް ނިންމާލެވޭނެކަމަށް މިބަލަނީ، ދައުލަތުގެ ހާމަކަން ހުރީ ކިހާ މިންވަރަކަށްތޯ ދުނިޔޭގެ ނިސްބަތަކުން އަޅުގަނޑުމެންނަށް ބަލާލެވޭނެ، މިއީ މާގިނަ ޤައުމުތަކަކުން ކޮށްފައިވާ މަސައްކަތެއް ނޫން. އެންމެ ފުރަތަމަ ކުރާ ބަޔަކަށް ރާއްޖެ ވާނެ، މިކަހަލަ މަސައްކަތަކުން އެނގޭނެ ރަނގަޅު ކުރަންވީ ކޮން ކަމެއްކަން، އޭގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑު ވާނީ ކޮންކޮން ކަމެއް ރަނގަޅުކޮށްގެންކަން އެނގޭނެ” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދެފުށް ފެންނަ، ހާމަކަން ބޮޑު މާލީ ނިޒާމެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ޖަވާބުދާރީކުރުވުމުގެ ސަޤާފަތް އޮތުންކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ރައްޔިތުންގެ ފައިސާ ޚަރަދުކުރެވޭ ގޮތުގެ ތަފްސީލް ހާމަވެފައި އޮތުމަކީ ޖަވާބުދާރީކުރުވުމަށާއި އިތުބާރު ހިފެހެއްޓުމަށް މުހިއްމުކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓް ނުވަތަ ޚިދުމަތާއި ތަކެތި ހޯދުމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް މާލިއްޔަތު ޤަވާއިދަށްވެސް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަމަށެވެެ. އެގޮތުން ބިޑް ކޮމިޓީ އެކުލަވާ އުސޫލާއި ބިޑް ހަވާލުކުރާ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!