މައުސޫމްއަށް ރުހުން ދިނުމާއި ގުޅޭ މައްސަލަ ކޮމިޓީއަށް

ޓުއަރިޒަމް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާއި ކޮމިޓީއަށް ފޮނުވައިފި އެވެ.

ޑރ. މައުސޫމަށް ރުހުން ހޯދުމަށް ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާ ކަމަށާއި އަދި އެކަން ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާއި ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއިރު ގާނޫނު އަސާސީގައިވާ ގޮތުން ވަޒީރުން އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެެހެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެމަގާމުން ވަކިކުރެއްވުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވެފައިވާތާ އެއް މަސް ވުމާ ގާތްވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޑރ އަބްދުﷲ މައުސޫމް އެމަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.

ޑރ. މައުސޫމު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރެއްވުމާ ހަމައަށް ހުންނެވީ ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ. 

ޑރ އަބްދުﷲ މައުސޫމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މައުސޫމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!