ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވަކިކުރަނީ

ހައި ކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި މުނާ މުހައްމަދު، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމާ ބެހޭ އުސޫލުގެ ދަށުން މަގާމުން ވަކިކުރަން ނިންމައިފި އެވެ.

އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޑިރެކްޓަރު މަރިޔަމް ޝަހްނީޒާ ނަސީރު ފޮނުއްވި ސިޓީގައި ބުނީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ތިބި މީހުންގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުގައިވާ ގޮތުން މުނާގެ މަސައްކަތުގެ ފެންވަރު ވަޒަންކުރިއިރު، އޭނާ އަށް މާކްސް ލިބިފައި ވަނީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބަދަލުކުރުމަށް ބޭނުންވާ 70 ޕަސެންޓަށް ވުރެ ދަށުން ކަމަށެވެ.

މުނާ، ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނީ 2011 އިން ފެށިގެންނެވެ.

އެހެންވެ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުން، އޭނާ ވަޒީފާ އިން ދޫކޮށްލަން ނިންމައި އެކަން މުނާ އަށް އަންގާފައިވާ ކަމަށް، މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީގައި ބުންޏެވެ.

“މި މުއްދަތުގެ ތެރޭގައި، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އެކަށީގެންވާ މުވައްޒަފަކު ހޯދުމަށް މި ޑިޕާޓްމަންޓުން މަސައްކަތް ކުރާނެ ކަމަށާއި އަދި ވަޒީފާއިން ދޫކޮށްލަން ނިންމާފައިވާ މުވައްޒަފަށް، އެކަށޭނެ އެހެން ވަޒީފާއިން ޝަރުއީ ދާއިރާގެ ތެރެއިން ހޯދައި ދިނުމަށް މި ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށާއި އަދި އެފަދަ ވަޒީފާއެއް ހަމަނުޖެއްސޭނަމަ ވަޒީފާއިން ދޫކޮށްލެވޭނެ ކަމުގައި މަނިކުފާނުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،” ސިޓީގައި ބުންޏެވެ.

ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިން އައްޔަންކުރުމަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް ލިބިފައިވާ ގާނޫނީ ބާރެކެވެ. އެހެންވެ، ޗީފް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ނިންމެވީ މިހާރު މަގާމުގައި ތިބި މުވައްޒަފުން ދައިމީ ކުރުމުގެ ކުރިން ހަ މަސް ދުވަހަށް ޕަފޯމަންސް އިވެލުއޭޓްކުރުމަށެވެ.

ޑީޖޭއޭ އިން ބުނިގޮތުގައި، މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު 70 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބުނު 10 އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!