މަޖިލީހުގެ ކަންކަމަށް ހެލްތު މިނިސްޓްރީ ނުވަންނަން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ބަޔާންތައް ނުނެރުމަށާއި އެ އިންތިޒާމުގެ ތެރެއަށް ނުވަނުމަށް އެދެވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިކަމަށް ގޮވާލެއްވީ ނުފޫޒު ބޭނުންކޮށްގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވުމުން އެކަން ކުށްވެރިކޮށް ހެލްތު މިނިސްޓްރީން ރޭ ނޫސްބަޔާނެއް ނެރެފައިވަނިކޮށެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ.

“އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި ވުޒާރާގެ ވަޒީރަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކުރުމަށާއި، އަދި މި މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި މަޖިލީހުގެ މަސައްކަތް ވަކި ގޮތަކަށް ހިންގަންޖެހޭ ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ހިމަނާފައެއް ނުވެއެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި އޮތީ ކުރީގެ މުވައްޒަފުން ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ވާހަކަތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!