ފުލުހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން ބިދޭސީންނަށް ފިޔަވަޅު އަޅަންޖެހޭ : މިނިސްޓަރު

ފުލުހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން ބިދޭސީންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު މިފަހުން ބިދޭސީން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އެގޮތުން ބޮޑުފިނޮޅުގައި ތިބި ބިދޭސީންތަކެއް ވަނީ ދިވެހިންތަކެއް ރަހީނުކޮށް އެ ރަށުގައި ހުރި މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ފަހުން ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހެދުމުގެ މަސައްކަތުގައި އުޅުނު ބިދޭސީން ވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ގަލުން ހަމަލާދީފަ އެވެ. މި ދެ ހާދިސާއަކީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްދުން ނައްޓާފައިވާކަން ހާމަވެގެން ދިޔަ ދެ ހާދިސާ އެވެ.

އޮންލައިން ނޫސް އަވަސްގެ “ފަށަމާ” ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިން އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 179،954 ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު 60،000 ވުރެ ގިނަ ބިދޭސީން ލިޔެކިޔުމެއް ވެސް ނެތި ރާއްޖޭގައި އުޅެމުންދާ ކަމަށެވެ.

ބިދޭސީންގެ ހާއްޔަކަށް ރާއްޖެ ވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާ އެއީ މީގެ އެތައް އަހަރެއް ކުރިން ފެށިފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކި ޕްރޮޖެކްޓްތަކަށް ރާއްޖެ ގެންނަ ބިދޭސީން ފޮނުވާ ނުލާ ކަމަށާ އަދި ނުވެސް ފަށާ އެތައް މަސައްކަތަކަށް ވެސް ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީންގެ މައްސަލަ ބޮޑުވާން ދިމާވި މައިގަނޑު ސަބަބުތައް ކަމަށެވެ.

“އަޅުގަނޑުމެންނަށް އިވޭ ގޮތުގައިވިއްޔާ ޓްރާންސިޝަންގެ [ސަރުކާރު ބަދަލުވުމުގެ] ތެރޭގައި ވެސް 16،000 ވުރެ ގިނަ މީހުން އެކި ގޮތްގޮތުން ރެކޯޑް ނުުކުރެވި ވަދެފައިވާ ކަމަށް އަޑުއިވިފައި އެބައޮތް. އިމިގްރޭޝަންގެ ބޭފުޅުން ވެސް އެހެން އެބަ ވިދާޅުވޭ،”

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ބިދޭސީން ނުކުމެ މުޒާހަރާކޮށް، ހަމަނުޖެހުން ހިންގާ އަދި ފުލުހުންނަށް ހަމަލާ ދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ދޫކޮށްލައިގެން ގާނޫނީ ސަރުކާރަކުން ނުތިބޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ފުލުހުންނަށް ހަމަލަދިން ބިދޭސީން އެއީ ފުލުހުންކަން ނޭނގޭ ކަމަށް ބުނުމަކީ ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރާއި އެކަމަނާއަކީ ވެސް ބިދޭސީންނާ ދެކޮޅު ބައެއް ނޫން ކަމަށާއި ބިދޭސީން ދެރަ ކުރަންވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު ހިންގުމުގައި ވަކި ބަޔަކު ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!