އަނެއްކާވެސް ޝާހު އާއި ދިޕިކާ އެކީގައި ފެންނަނީ؟

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ދިޕިކާ ޕަޑުކޯން އާއެކު އޭނާގެ ފުރަތަމަ ފިލްމުގެ ހީރޯ ޝާހްރުކް ޚާން އެކީގައި އަނެއްކާވެސް އާ ފިލްމަކުން ފެންނަން އުޅޭ ކަމަށް ޙަބަރުތައް ބުނެފިއެވެ.

ޝާހްރުކް ޚާނާއި ދީޕިކާ ޕަޑުކޯންއާ އެކު ޑައިރެކްޓަރު ސިދާތު އާނަންދު ހަދަން ނިންމާފައިވާ ފިލްމަކީ “ޕަތާން” ކިޔާ އެކްޝަން ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ “ވޯ” ގެނެސްދިން ޑައިރެކްޓަރުގެ އާ ފިލްމަށް ޝާހްރުކާއި ދީޕިކާއި ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެފައި ވިޔަސް މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

ނަމަވެސް ‘ބޮލީވުޑް ހަންގާމާ’ އިން ބުނީ “ޕަތާން” ގެ ނަން ދީފައިވާ ފިލްމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ ކަމަށެވެ. ހަންގާމާ އިން އިތުރަށް ބުނި ގޮތުގައި ޝާހްރުކާއި ދީޕިކާގެ ފިލްމަށް “ޕަތާން” ގެ ނަން ދީފައި ވަނީ އެއީ ޝާހްރުކް ކުޅޭ ކެރެކްޓާގެ ނަމަށް ވެސް ވުމެވެ. އަދި މިއީ މާސް އޯޑިއަންސް ގަޔާވާނެ ހުރިހާ ރަހަތަކެއް އެކުލެވޭ ގޮތަށް ގެނެސްދޭނެ އެކްޝަން މަސާލާ ފިލްމެއް ކަމަށް ބުންޏެވެ. “ޕަތާން” އަކީ ބޮޑު ބަޖެޓަކުން ހަދަން ތައްޔާރުވާ ފިލްމެއް ކަމަށްވެއެވެ.

ޝާހްރުކާއި ދީޕިކާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި “އޯމް ޝާންތީ އޯމް” 2007، “ޗެންނައި އެކްސްޕްރެސް” 2013، އަދި 2014 ގެ “ހެޕީ ނިއު އިޔާ” ހިމެނެއެވެ.