1045 ފަރާތަކަށް ފްރަންޓްލައިން އެލަވެންސް ދީފި

ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 1045 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި އެންމެ ކުރީ ސަފުގައި ނުވަތަ ފްރޮންޓްލައިންގައި މަސައްކުރާ މީހުންނަށް އެލެވަންސް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީސަފުގައި މަސައްކަތްކުރާ އިތުރު 825 މީހަކަށް ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. މިއާއެކު މިހާތަނަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ 1045 މުވައްޒަފަކަށް 13.4 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ އިތުރު މުވައްޒަފުންނަށްވެސް އެލަވެންސް ވަރަށް އަވަހަށް ދޭނެކަމަށާއި، އެމަސައްކަތް ބާރަށް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ރިސްކް އެލަވެންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާންކޮށްފައި ވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވެންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!