ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި އެއްގޮތަށް: ހެލްތު މިނިސްޓްރީ

އްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިއްޔެ ވަނީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ޕާމަނަންޓް ސެކެޓްރީކަން ފަދަ އެކި އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އެ ބޭފުޅުން ވަނީ މިހާރު ހެލްތު މިނިސްޓްރީ ހިންގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ސިއްހީ ދާއިރާ ތަރައްގީކުރަމުން އަންނަނީ އެ ދާއިރާގެ ދުރު ރާސްތާގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ކުރިއަށް ވުރެ ފުޅާކޮށް ވަސީލަތްތައް ގާއިމްކުރަމުން އަންނަ ކަމަށާއި މާލެއަށް ރިފާ ކުރުން ކުރިއަށް ވުރެ މަދު ކުރެވިފައިވާ ކަމަށް ވެސްް އެ ބަޔާނުގައި ބުންޏެވެ.

ހެލްތު މިނިސްޓްރީއިން ބުނީ ސިއްހީ ދާއިރާއަކީ ވަރަށް ފަންނީ މަސައްކަތްތަކެއް ކުރެވޭ ދާއިރާއަކަށްވާއިރު، އަދިވެސް ސިއްހީ ދާއިރާގައި އެންމެ މަތީގައި ހަރަކާތްތެރިވަމުން ގެންދަވަނީ އެ ދާއިރާގެ ހާއްސަ ގިންތިތަކުން ތައުލީމާއި ތަމްރީނު ލިބިފައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ފަންނީ ކަންކަމާ ގުޅޭ ނިންމުންތަކަކީ ފަންނީ މީހުންނާއި އެކަމާ ގުޅޭ ކޮމެޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމަނީ ސިޔާސީ މީހުންގެވެސް ބައިވެރިވުމާއެކު ކަމަށް ބުނެފައިވެއެވެ.

“މި މަސައްކަތްތައް ކުރަނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެތިއްބަވައިގެން އެ ބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމުތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއެކުގައެވެ،” ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީއިން ބުނީ، އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއަށް އައްޔަން ކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާވިސް މުއައްޒަފުންނާއި އެކު ކަމަށެވެ. އަދި މިނިސްޓްރީގެ ޑިވިޝަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ސިއްހީ ދާއިރާގެ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ނުދޭ ކަމަށްވެސް ކުރީގެ އިސްވެރިން ވިދާޅުވެފައިވެއެވެ. ނަަމަވެސް، މިނިސްޓްރީއިން ބުނީ، ސިއްހީ ދާއިރާގެ މީހުންނަށް ތައުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި  ފެންވަރު ރަނގަޅުކޮށް ހިދުމަތް ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިން ޕޮރޮސެސް ތެރެއިން ކަމަށެވެ.

“ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލަނީ ބައިނަލްއަގުވާމީ މިންގަޑުތަކަށް ބިނާކޮށް އާ ހޯދުންތަކާ ދިރާސާތަކާ އެއްގޮތަށް އަދާހަމަކޮށްގެންނެވެ. ކޮވިޑް-19ގެ ވަބާއަށް އިޖާބަދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ބިނާވެފައިވަނީ ހެއްކާއި، ފަންނީލަފާއާއި އެކިއެކި ގައުމުތަކުގެ ތަޖުރިބާތަކަށް އަދި ދިވެހިރާއްޖޭގެ ހާލަތްތަކަށް ރިއާޔަތްކޮށެވެ. ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ. މިމަސައްކަތްތައް ކުރިއަށް ގެންދަނީ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާތަކާއި ދަރުމައަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން ކުރެވޭ ގައުމީ މަސައްކަތެއްގެ ގޮތުގައެވެ،” ހެލްތުގެ ބަޔާނުގައިވެއެވެ.

ބަޔާން ނިންމައިލަމުން ބުނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދެއްވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!