ފޮޓޯ: މިހާރު

ކުޑަކުދިންނާ ގުޅޭ ގާނޫނު ތަންފީޒުކުރުމަށް މަޝްވަރާ ކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތްތައް ކުރުމަށް ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެ މަޝްވަރާ ބައްދަލުވުމަކީ އެ އޮފީހުގެ އިސް ނެގުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ ދެ ގާނޫނު ތަންފީޒު ކުރުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހޯދައި އެކަމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމަށްޓަކައިވަނީ ޕޮލިސީ ލެވެލްގެ ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވަރކިންގ ގްރޫޕެއް އެކުލަވާލަވާލާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މި ދެ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކުކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ތަޞްދީޤުކޮށްފައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަންފަށާނީ އަންނަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒާއި، މިނިސްޓަރ އޮފް އެޑިއުކޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ޖުވެނައިލް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކަޑެމީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!