3 އަހަރު ފަހުން ޝައިފަން މަރަން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ތާވަލް ކޮށްފި

މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ، އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ތިން އަހަރު ފަހުން ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެންމެ ފަހުން ތާވަލް ކޮށްފައިވަނީ، މީގެ ތިން އަހަރާއި ހަތަރުމަސް ކުރިން 6 އޭޕްރީލް 2017 ގައެވެ. ނަމަވެސް އެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާކަންހާ އިރު ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލިކަން ދައުވާއުފުލާފައިވާ ތިން މީހުންގެ ތެރެއިން ޝައިފަންގެ މައްޗަށް މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައިކޯޓުން އެމައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ 2016ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ޝައިފަންގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލައިފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، އެދެ މީހުންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފައިވާ ބަޔަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!