ކުށް ހީ

(ތޭރަ ވަނަބައި)

ދުވަސްތަށް ބުރަ މަސައްކަތުގައި ހޭދަވަމުން ދިޔަޔަސް އަބަދުވެސް ދިރިއުޅުމުގައި ލިބޭ ހުރިހާ ހުސްވަގުތެއްގައިވެސް ޒިޔާން އަށް ގުޅާލާހަދަމެވެ. ރިސޯރޓު ރަށާ ގާތުގައި އޮތްކަމުން ލިބޭ އޮފް ދުވަސްތަކުގައިވެސް ރަށަށް ގޮސްލާ އުޅެވެއެވެ.ރިސޯޓުގައި ދެތިން މަސް ހޭދަވެގެން ދިޔައިރުވެސް ޒިޔާންފަދަ ގާތް ރަހުމަތްތެރިކަމެއް އުފެދޭނެ މީހަކާ ދިމައެއް ނުވެއެވެ. މިއަދު ޒިޔާން އަކީ ގާތް ރަޙުމަތްތެރިއަކަށްވުރެ ބޮޑަށް ދެކެވެނީ އެއްބަޑު އެއްބަފާ ކުއްޖެއް ފަދައިންނެވެ. އަބަދުވެސް ކުރެވޭ ދުޢާއަކީ ކިތަންމެ ދުރުގައި ތިބެންޖެހުނަސް މި ގުޅުމަށް ބުރުލެއް ނޭރުމެވެ.

ވަގުތުތަށް ފާއިތުވަމުންގޮސް ފިތުރު އީދުގެ އުފަލާ ވަރަށް ކައިރިވެއްޖެއެވެ. އަހަރެން ރަށަށް ނުދާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެއީ ބޮޑު ޢީދަށް ރަށަށް ދިއުމަށް މަޑުކޮއްލީއެވެ. އެހެން ނަމަވެސް ރިސޯރޓުގައި ބާރުބޮޑުވެ އެއްވެސް މުވައްޒަފަކަށް ޗުއްޓީ އަދި އޮފް ނުލިބޭގޮތަށް ރިސޯރޓްގެ މެނޭޖުމަންޓުން ނިންމި ނިންމުމާއި ގުޅިގެން އަހަރެންނަށްވެސް ޖެހުނީ މަޑުކުރާށެވެ.

 ރަށަށް ދިއުމަށް އަހަރެންނަށް އުއްމީދު ކުރެވުނީ ހަމައެކަނި ބޮޑުއީދުގެ އުފަލުފގައި ބައިވެރިވާކަށް ނޫނެވެ. ބޮޑުޢީދަށް ބޮޑުދައިތަގެ އާއިލާ އަންނަ ޙަބަރު ޒިޔާން ދީފައި އޮތީތީއެވެ.އެމީހުންނާއެކު ރީޝާ އަންނާނެކަމުގެ އުއްމީދުވެސް އޮތީތީއެވެ. ރީޝާ އަހަރެން މަތިން ހަނދާން ނެތުނަސް އަހަރެން ވަރަށް ރީޝާ ދެކިލަން ބޭނުންވެއެވެ. މިއީ ލޯބިކަން ޔަޤީން ނުވިޔަސް އެ އުޖާލާ މޫނު ބަލާލާ ހިތުން އަހަރެން ވަރަށް ކެތްމަދުވެއެވެ.

އެމީހުން ރަށަށް ދިއުމުން ޒިޔާންގެ ފަރާތުން ރީޝާގެ ޙަބަރު ލިބޭނެކަމަށް ހިތާ އިންތިޒާރުކުރީމެވެ. އެކަމަކު ބޮޑުދައިތަމެން އައިދުވަހު ގުޅިފަހުން ފާއިތުވި 3ދުވަހުގެ ތެރޭގައި ޒިޔާންގެ އެއްވެސް ޙަބަރެއް އަހަރެންނަކަށް ނުވެއެވެ. އެތަށް ފަހަރަކު ގުޅައިފީމެވެ. ފޯނު ނުނަގާތީ ޒައިދުބެއަށްވެސް ގުޅައިފީމެވެ. އެކަމަކު ޒިޔާންގެ ބިޒީކަމުން ފޯނަށް ޖަވާބުދެވޭ ވަރެއް ނުވެއެވެ.

އަހަރެން ޤަބޫލުކުރީ ބޮޑުދައިތަގެ އާއިލާއާއި އެކު އުޅެންޖެހޭތީ ނުގުޅިގެން އުޅެނީކަމަށެވެ. އެކަމަކު އީދު ނިމި އެންމެ ފުރަތަމަ އަހަރެންނަށް ލިބުނު އޮފްގައި ރަށަށް ދިއުމުން ކަން އޮތީ އެހެން ނޫންކަން އެގުނެއެވެ. ޒިޔާންގެ ގެއަށް ވަނުމުން ދޮރާށި ދޮށުން ކުރިމަތިލާން ޖެހުނީ ޒައިދުބެގެ ނަފްރަތާއެވެ. އަމުރު ކުރަމުން ދިޔައީ އެގެއަށް ނުވަނުމަށެވެ. ޒައިދުބެ ކުރެން ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށްޓަކައި އެތަށް ފަހަރަކު ސުވާލުކުރީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. ޒިޔާންގެ ނުރުހުމުގައި އެގޭގައި ބެހެއްޓެން ނޯންނާނެ ކަމަށް ޒައިދުބެ ބުންޏެވެ. ޒައިދުބެގެ އެބަސްތަކުން އަހަރެންގެ ހިތް ކުދިކުދިވިއެވެ. އެވަރުގެ ބޮޑު ނިންމުމެއް ޒިޔާން ނިންމީ ކީއްވެބާއެވެ؟

އަހަރެންނަށް ކުރެވުނު ކުށެއް ނޭނގި ހެނދުނު ގޯހެއް ނޭނގި އެންމެ ގާތް އެކުވެރިޔާގެ ނުރުހުމާއި ނަފްތަރާއި ކުރިމަތިލާން މިޖެހުނީ ކީއްވެ ހެއްޔެވެ. އަހަރެން ގޮތް ހުސްވެ މާޔޫސްވެފައި ހުރެގެން ގޮސް ވަދެވުނީ އަހަރެންގެ އަމިއްލަ ގެއަށެވެ. ބޮޑު އަށި މަތީގައި ދަބަސް ބަހައްޓާލާފައި ގިފިއްޔަށް ވަނީމެވެ. މަންމަ މަރަށް ތެޅި ފޮޅުނު އަކިރި ފުނި ކައިރީގައި ކުޑަކަކޫ ޖަހާފައި އިށީދެވުނެވެ. ހިފަހައްޓަމުންދިޔަ ކަރުނަތަށް ހިފެހެއްޓުމެއްނެތި ފައިބާގަތެވެ. އަހަރެންގެ ބަދުނަސީބުކަމާއި ނިކަމެތި ކަމަށްޓަކައި އެތަށް ވަގުތަކު އެތާގައި އިދެ ގިސްލަ ގިސްލާފައި ރުއީމެވެ. މަންމަ އަށްފަހު އާއިލާގެ މެމްބަރަކަށްވުރެވެސް ގާތްކޮށް ގެންގުޅުނު ޒިޔާންގެ އާއިލާއިން މިއަދު އަހަރެން ބާކީ ކޮއްލައިފިއެވެ. އެކަމަކުވެސް އަހަރެންގެ ޝަކުވާއެއް ނެތެވެ. އަހަރެންނަށްޓަކައި އެމީހުން ކޮއްދިން ކަންތަށްތަކުގެ ކުރިމަތީގައި ކުރެވޭނީވެސް ކޮން ޝަކުވާއެއް ހެއްޔެވެ. އަހަރެންނަކީ އެމީހުންނަށް ދަރަނިވެރި ވެފައިވާ މީހެކެވެ. ކޮންމެ ގޮތެއްވިޔަސް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމުގެ ހައްޤު އަހަރެންނަށް އޮންނާނެއެވެ.

އަހަރެން ތެދުވެ މޫނު ދޮވެލީމެވެ. ރޭގަނޑުގެ އަދިރިން މުޅި ހިސާބު ވަނީ ފަޅުކޮއްފައެވެ. ކޮންމެވެސް ވަރަކަށް ހިތަށް ބިރުވެރިކަން ގެނުވިއެވެ. ފޯނުން އަލިކުރަމުން އައިސް ދަބަސް ބޯދަށަށް ލައިގެން ބޮޑުއަށީގައި އޮށޯވެލީމެވެ. ފޯނުން އަނެއްކާވެސް ޒިޔާންއަށް ގުޅޭތޯ މަސައްކަތް ކުރިމެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށް އެތަށް މެސެޖެއް ކުރީމެވެ. ފޯނު ނުނަގާތާގައި މެސެޖަކަށްވެސް ޖަވާބެއް ނުލިބުނެވެ. އެތަށް އިރަކު އެހެން މަސައްކަތް ކުރުމަށްފަހު އަހަރެން ބޭނުންވީ ޒިޔާން އާއި ބައްދަލުކުރާށެވެ.

ތެދުވަ އެގެއަށް ދިއުމަށް ހިގައިގަތީމެވެ. އަހަރެންނަށް ގެއަށް ވަދެވުނުއިރު ސިޓިންރޫމުގައި ޒިޔާންގެ މަންމައާއި ރިޔާޝާދައްތަ އިނެވެ.

” އަހާ!!މިއޮތް އައީނު ނިޔާޒު..” އަހަރެން ދޮރު ހުޅުވާލުމާއެކު ބޮޑުދައިތަ ހިނިތުންވެފައި އެބުނި ލަފްޒުތަކުން އަހަރެން ހިތްހަމަޖެހި ހިއްވަރު ލިބުނެވެ.

” މަންމާ..އައިސްބަލަ..” އެއީ ރީޝާގެ އަޑެވެ. އޭނާގެ އާދައިގެ މަތިން މަންމައަށް ކޮންމެވެސް ކަމަކު ގޮވަނީއެވެ.

” ވަދެ އިށީދެ…އެބަ އަންނަށް..” އެހެން ބުނެފައި ބޮޑުދައިތަ ހިގައިގަތީ ކޮޓަރިއަށެވެ.

 އަހަރެން ހުރީ ޒިޔާންގެ މަންމަ އިސްޖަހައިގެން އެއްޗެއް ނުބުނެ އިންގޮތުން ވަންނަށް ނުކެރިފައެވެ. އެކަމަކު ބޮޑުދައިތަ ވާހަކަދެއްކިގޮތުން މިގޭތެރޭގައި ކަމެއް ހިގައިގެން އުޅޭ ހެނެއް ހިއެއް ނުވެއެވެ. އަނެއްކާ ހަވީރު އަހަރެން އައިކަންވެސް ޒައދުބެ އެއްވެސް މީހަކު ކައިރީގައި ނުބުނަނީ ބާއެވެ.

އަހރެން އެތެރެއަށް ހިގައި ގަތުމާއެކު ޒިޔާންގެ މަންމަ ތެދުވިއެވެ. އަދި އަވަސް ހިގުމެއްގައި އަހަރެންގެ ގާތަށް އައެވެ.

“ކޮއްކޯ..ދެން ރަގަނޅުވާނީ މިގެއަށް ނައްޔާ.” އިސްޖަހައިގެން ހުރެ ރީތިގޮތުގައި އެބުނީ އެތެރެއަށް ނުވަދުމަށެވެ.

“ކި..ކީއްވެ؟” އަހަރެނަށް އަދިވެސް ސަބަބު ނޭނގޭތީ ސުވާލުކުރީމެވެ.އެއްވެސް ޖަވާބެއް ނުދީ ދައްތަ ހިގައިގަތުމުން އެތެއަށް ވަންނާކަށް ނުކެރުނެވެ. އަހަރެން އެގެއއިން ނިކުތީ މާޔޫސްވެހުރެގެނެވެ.

މަގުމަތީގައި ހިގަމުންދިޔައިރުވެސް ވިސްނެމުން ދިޔައީ ވެގެންއުޅޭ ގޮތަކާ ދޭތެރޭގައެވެ. އަހަރެންނާ ވާހަކަ ދައްކަން ޒިޔާން ބޭނުންނުވާ އަހަރެން އެގެއަށްވެސް އަންނަށް ޒިޔާން ބޭނުންނުވާވަރުގެ ކުރެވުނީ ކޮންކަމެއްބާއެވެ. ކޮންމެ ކަމެއްވިޔަސް އެކަން ހައްލުކުރެވޭނީ ވާހަކަ ދައްކައިގެންނެވެ. ޒިޔާންއަކީ އެހެން ނޫނީ އެކަހަލަ މީހެއް ނޫނެވެ.

“ނިޔާ…’ އަހަރެން ސިއްސުވާލީ އަލިބެގެ އަޑެވެ.

” މިރޭ އެކަނިތަ؟ ކޮބާ ޒިޔާން؟” އަލިބެ އައިސް އަހަރެން ގާތުގައި ހުއްޓިފައި ސުވާލު ކޮއްލިއެވެ.

“މި ..މި…” އަހަރެން ބުނާނެ އެއްޗެއް ނޭނގި އާގަންނަ ގޮތްވިއެވެ.

“ހޫމް …މީހަކާ އިންނަންއުޅޭތީ މިހާރު ބޭރަށް ނުނިކުމެވެނީ ދޯ….އެހެންވެސްވާނެ…ހިނގާ ބޭބެއާއެކީ ސައިތައްޓެއް ބޯލަން..” އަލިބެ  އެދިން ޙަބަރުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ޒިޔާންގެ ކައިވެނި ހަމަޖެހުނީއެވެ. އެނަސީބުވެރިޔަކީ ކާކުހެއްޔެވެ.؟ އެ އުފާވެރި ޙަބަރު އަހަރެންނަށް މިލިބުނީ ކޮންގޮތަކަށް ހެއްޔެވެ. ޒިޔާން ގައިގާ ބައްދާލާ އުފަލުން މަރުޙަބާ ކިޔާލަން މިވަގުތު އެންމެ ބޭނުންވިޔަސް އެ ނަސީބުންވެސް އަހަރެން މަހުރޫމުވީއެވެ. އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ވަގުތުގައި އޭނާގާތުގައި ނުހުރެވޭނެކަން ހަނދާންވެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ކަރުނަތަށް ފޮރުވަމުން އަލިބެއާއެކު ހޮޓަލަށް ދިއުމަށް ހިގައިގަތީއެވެ.

“އަލިބެ ހީކުރީ ތިދެކުދިން ކައިވެނީގެ ހަފްލާ ބާއްވާނީ އެކީގައިކަމަށް…ޒިޔާން އަބަދުވެސް ބުނާނެ ނިޔާގެ ހަޔާތަށް މީހަކު އައި ދުވަހަކުންނޭ މީހަކާ އިންނާނީ…އެކަމަކު ކުއްލިއަކަށް އަވަސް އަރުވާލީއެ ކީއްވެގެންތަ؟” އަލިބެ ސުވާލު ކުރީ އަހަރެންނާއެވެ. އެކަމަކު ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭނގެއެވެ. އަލިބެއަށް އެނގޭ ވަރަށްވެސް އެކަމާ ގުޅިގެން އެއްޗެއް ބުނަން އަހަރެންނަކަށް ނޭނގެއެވެ.

” ނެ…ނޭނގެ…ޒިޔާން އަކަށްނު އެގޭނީ..” އަހަރެން ދޭނެ ޖަވާބެއް ނޭނގި ބުނެލީމެވެ.

” އެމަންޖެ މިރަށަށް އައި ދުވަހުން ފެށިގެން ކައިވެނީގެ ވާހަކަ ދެކެވެން ފަށައިފި..ހީވަނި ކުރިންވެސް ރޭވިފައި އޮތް ކަމެއްހެން..” ކަރީމްބެ މުޅިން މިދައްކަނީ ޒިޔާންގެ ކައިވެނީގެ ވާހަކައެވެ. އެކަމުގައި ބައިވެރި ވާނެ ގޮތެއް ނޭނގޭތީ އަހަރެން ހަނު ހުރީމެވެ.

އެކަމަކަވެސް ސިކުޑީގައި އެތަށް ހިޔާލުތަކެއް އެބުރެންފެށިއެވެ. އަނެއްކާ ޒިޔާން ކައިވެނި ކުރަނީ ރީޝާއާ ބާވައެވެ. ކުރިން އެވާހަކަ އަހަރެންކައިރީ ނުބުނީ ކީއްވެބާވައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!