ހިތަދޫއަށް އަރާ ފޭބުން މަނާކޮށްފި

އައްޑޫސިޓީ ހިތަދޫއަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫ އަރައި ފޭބުން މަނާ ކުރުމަށް އައްޑޫސިޓީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ ލިއުމުގައި ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އައްޑޫސިޓީ ހިތަދޫ މިއަދުން ފެށިގެން މޮނިޓަރިން އަށް ލާފައިވާ ކަމަށާއި، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި ހުއްދަ ނެތި އެރަށަށް އެރުން މަނާ ކަމަށެވެ. ހިތަދޫ މޮނިޓަރިން އަށް ލާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ހިތަދޫ މޮނިޓަރިން އަށް ލާފައި މިވަނީ، ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. ހިތަދޫން ޕޮޒިޓިވްވި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހާ ޕޮޒިޓިވް ވިކަން އެނގިފައިވަނީ އޭނާ ހޯމް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަ ކުރުމަށް ފަހު، ހެދި ޓެސްޓުންނެވެ. ހިތަދޫގެ އިތުރުން ރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އައްޑޫސިޓީން ފެނުނު 2 ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައްޑޫސިޓީ ހިތަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫ ހިމެނެނީ ގުޅިފައިވާ ރަށްތަކުގެ ތެރޭގައެވެ. ނަމަވެސް ގުޅިފައިވާ މިރަށްތަކުން މަރަދޫ، މަރަދޫ-ފޭދު އަދި ފޭދޫ މޮނިޓަރިން ހާލަތަށް ގެނެސްފައި ނުވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!