އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތު އިތުރުކޮށްފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރުނު އެލަރޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިން ހއ. އަތޮޅުން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 7:35ން 11:45 ށެވެ. ނަމަވެސް މިހާރު އެލަރޓް ނެރެފައިވަނީ އާދިއްތަ ދުވަހުގެ 15:00 ޖެހުމާއި ހަމައަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށާއި. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ށ. ފުނަދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ފުނަދޫއަށް އިއްޔެ 110.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހަނިމާދޫއަށް 109.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ކަނޑިތީމަށް 105.4 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސަރާއަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!