ރައީސް ޔާމީން މިނިވަން ނުވެގެން ކަންބޮޑުވާ މީހުންނަށް ވުރެ އިންސާފު ނުލިބިގެން އުޅޭ މީހުން ގިނަ: މިނިސްޓަރު

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ނުވެގެން ކަންބޮޑުވާ މީހުންނަށް ވުރެ ގިނައީ އިންސާފު ނުލިބިގެން ކަންބޮޑުވާ މީހުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް “އަވަސް” ގެ “ފަށަމާ” ޕްރޮގްރާމްގައި މާރިޔާ ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، މުޒާހަރާ ކުރަން ނުކުންނަ މަދު ބަޔަކު ފުލުހުން ގަޔަށް ހައްޕުނޑު ޖެހުން ކަހަލަ ކަންކަން ކުރިއަސް، ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ނުދައްކައިގެން ކަންބޮޑުވާ މީހުން މާ ގިނަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިނިވަން ދުވަހުގެ ރޭ ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. އެ މުޒާހަރާތައް އީދު ބަންދަށް މެދުކަނޑާލީ ފަހުން ފަށާފައެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ އަޣުލަބިއްޔަތު ދެކޭ ގޮތުގައި ކުރީ ސަރުކާރުން ހިންގި ހިޔާނާތަށް އަދިވެސް އިންސާފެއް ނުލިބެ އެވެ. އަދި ރައްޔިތުން ބޭނުންވަނީ އިންސާފެވެ.

“ތިޔަ ވިދާޅުވާ ފަންސާހަކަށް މީހުން ނުކުމެ ރަށްމެދުގައި ތިބެގެން ރައީސް ޔާމީންގެ ޝަރީއަތް ނާއިންސާފޭ ބުނާ މީހުންނަށްވުރެ މިއަދުވެސް ރައީސް ޔާމީނަށް ހުކުމް ކުރެވޭނެ ކަމަށް ނުވަތަ އެއަށްވުރެ ގިނަ އަދަދަ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ގަބޫލުކުރާ މީހުން ރަށްމެދަށް އެއްވެލާށޭ ބުނެފި ނަމަ އަދަދު ފެންނާނެ ކަމަށް އަޅުގަނޑު ދެކެނީ،” އިދިކޮޅުގެ މުޒާހަރާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.

އާއްމު މީހުން މިއަދު ވެސް އިންސާފު ނުލިބިގެން އެކަމާ ސުވާލު ކުރާ ކަަމަށާއި މިހާރު ވެސް ކަންކަން ގޯސްކޮށް ހިނގާ އެއް ސަބަބަކީ މިދިޔަ ސަރުކާރުގެ ކޮރަޕްޝަނާއި ޚިޔާނާތް ކަމަށް މާރިިޔާ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެފައިވާ ޚިޔާނާތަށް އިންސާފު ނުލިބޭ ކަމާއި އާއްމު މީހުންނަށް ރަނގަޅު ގޮތެއް ނުވާ ސަބަބަކީ އެއީކަން ގަބޫލު ކުރާ މީހުން މިހާރު ވެސް ނިސްބަތުން ގިނަ ވާނެ ކަަމަށް މާރިޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މާރިޔާ ވިދާޅުވީ ޔާމީން، ދައުލަތަށް ފަސް މިލިއަން ޑޮލަރު ދެއްކެވުމަށް ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ކަންބޮޑުވާ އެތައް ބަޔަކު ތިބި ކަމަށެވެ.

އެފަދަ މީހުން ރައީސް ޔާމީންގެ އަތްޕުޅުގައި ފަސް މިލިއަން ޑޮލަރަށް ވުރެ މާ ގިނަ ފައިސާ ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!