ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމާއި، ފަތުރުވެރިންނަށް ޙިދުމަތްދޭ އެއްވެސް ފެސިލިޓީއެއް ދިވެހިން ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ވަކިގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނަކަށް އަންގާފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލިއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ޙާއްސަ ގައިޑްލައިނެއްވެސް ނެރެފައެވެ. މި ގައިޑްލައިންގައިވާ ގޮތުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ތިބެންޖެހޭނީ އެމީހަކު ބުކިން ހައްދައިގެން އަންނަ ރިސޯޓެއްގައި އެކަންޏެވެ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމަކީ މަނާކަމެކެވެ.

މި އުސޫލުގެ ދަށުން ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިއަކަށްވެސް ޗުއްޓީ ހޭދަކުރެވޭނީ ހަމައެކަނި އެ ސަފާރީއެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!