ގަލޮޅު ދަނޑު ކައިރިއަށް އެއްވި ބިދޭސީން ފޮނުވާލައިފި

ގަލޮޅު ދަނޑު ކައިރިއަށް މިއަދު ހެނދުނުން ފެށިގެން ބިދޭސީންތަކެއް އެއްވާން ފެށުމުން ފުލުހުން އެ މީހުންގެ އެއްވުން ރޫޅާލައި ދުރަށް ޖައްސައިފި އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 އިން ފެށިގެން ދަނޑު ކައިރިއަށް ބިދޭސީން ޖަމާވާން ފެށި އެވެ. އަދި 9:00 ޖެހި އިރު ގިނަ އަދަދަކަށް އެ ސަރަހައްދަށް ބިދޭސީން އެއްވެފައި ތިއްބެވެ. ބިދޭސީންތަކެއް އެ ތަނަށް އެއްވުމާއެކު އެސްއޯ ފުލުހުން އެ ތަނަށް ގޮސް ވަނީޫ އެ މީހުންނަށް ދުރަށް ދާން އަންގައިފަ އެވެ.

ފުލުހުން ބުނީ، ގަލޮޅު ދަނޑު ކައިރިއަށް މިއަދު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެއްވި ކަމަށާއި އެ މީހުން މިހާރު އެ ސަރަހައްދުން ދުރަށް ޖައްސައި ފޮނުވާލާފައިވާ ކަމަށެވެ. ބިދޭސީން ދުރަށް ޖެއްސުމުގައި އެއްވެސް ހަމަނުޖެހުމަށް ހިނގާފައެއް ނުވެ އެވެ.

އެ ސަރަހައްދުގައި ހުރި ބިދޭސީއަކު ބުނި ގޮތުގައި އެ މީހުން ދިޔައީ އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތްތަކެއް އެތަނުގައި ހިނގާތީ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު އެތަނަށް ދިޔުމުން އެ މީހުން މަސައްކަތް ހުއްޓާލާ ބަންދު ކުރި ކަމަށެވެ.

މިއަދު ބީދޭސީންގެ ބަޔަކުޔ އެއްވީ ރަޖިސްޓާ ކުރުމަށް ކަމަށް އެ މީހުން ބުނި ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިދޭސީން ރަޖިސްޓާ ކުރުމުގެ އެއްވެސް މަސައްކަތެއް މިއަދު ދަނޑުގައި ނުކުރެ އެވެ.

ފަހަކަށް އައިސް މުސާރަ ނުދިނުމާއި ވަޒީފާގެ މައްސަލަތަކުގައި ބިދޭސީންގެ މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!