އެމްއެމްއޭ އިން ނަގަން އެދުނު 4.2 ބިލިއަން ރުފިޔާގެ އޯވަޑްރޯގެ ބޮޑުބައި ދޫކޮށްފި

ސަރުކާރުގެ ހަރަދުތައް ފޫބައްދަން، އެމްއެމްއޭ އިން ނަގަން އެދުނު، 4.2 ބިލިއަން ރުފިޔާގެ އޯވަޑްރޯގެ ބޮޑުބައި ދޫކޮށްފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޖުލައި މަސް ނިންމައި އާއްމުކުރި މާލީ ރިޕޯޓް ދައްކާ ގޮތުން މިހާތަނަށް ސަރުކާރުން ވަނީ އެމްއެމްއޭއިން އޯވަޑްރޯ ނުވަތަ “މަނިޓައިޒް” ގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނަގާފަ އެވެ. އެހެންވެ ސަރުކާރުން ދޫކުރަން އެދުނު 4.2 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ ނުނަގައި އޮންނާނީ މަދު އަދަދެކެވެ.

ސަރުކާރަށް އޯވަޑްރޯ ދޫކުކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައި ވަނިކޮށް ސިއްހީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ، ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ރައްޔިތުން މަޖިލީހުން ދީފައިވާ ހުއްދައާ އެއްގޮތަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާއްމުގޮ ތެއްގައި އެމްއެމްއޭ އިން ސަރުކާރަށް ދަރަނި ނެގޭނެ ލިމިޓަކީ ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވުމުގެ ސަބަބުން، ފިނޭންސް މި ލިމިޓް 4.2 ބިލިއަން ރުފިޔާ އަށް މަތިކޮށްދީފައި ވަނީ ރައްޔިތުން މަޖިލީހުންނެވެ.

ސަރުކާރުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި މަރުކަޒީ ބޭންކުގައިވާ ސަރުކާރުގެ ބޭންކު އެކައުންޓުން އޯވަޑްރޯ ކުރުމަކީ މަނިޓައިޒް ކުރުމެވެ. އެހެންކަމުން އެމްއެމްއޭއިން ދަރަނި ނެގުމުން، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ، އޭގެ ސަބަބުން މަނީ ސަޕްލައި ވެސް އިތުރު ވެގެން ދެއެވެ.

ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މަނީ ސަޕްލައި އިތުރުވުމުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަ ގޮތެއްގައި ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދިވެހި ރުފިޔާގެ ސަޕްލައި އިތުރު ވެގެންދާނަމަ، ޑޮލަރަށް އޮންނަ ޑިމާންޑް އިތުރު ވާނެ އެވެ. ނަމަވެސް ފޮރިން އެކްސްޗޭންޖް ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރު ބިނާވާނީ މަރުކަޒީ ބޭންކުން މަނިޓައިޒް ކުރާ މުއްދަތާއި އަދި މި މުއްދަތުގައި ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު ނުވަތަ ކުރެޑިޓް މަލްޓިޕްލެއާ ގެ މައްޗަށެވެ.

އެމްއެމްއޭ އިން އޯވަޑްރޯ ކުރުން ނުވަތަ “މަނިޓައިޒް” ކުރުމަކީ ބައެއް އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ތަފާތު މައްސަލަ ތަކެއް މުސްތަގުބަލުގައި ކުރިމަތިވާނެ ކަމެކެވެ. މިއީ “ފައިސާ ޗާޕުކޮށްގެން” އިގްތިސާދަށް ނެރުން ކަމަށް ބައެއް މާހިރުން ގަބޫލު ކުރައްވަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި އޯވަޑްރޯ ކުރި ނަމަވެސް އިގްތިސޯދަށް އިތުރު މައްސަލަތަކެއް ދިމައެއް ނުވާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!