ހއ. އަތޮޅުން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ޅ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހެނދުނު 7:35ން 11:45 ށެވެ.

މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކުރާގޮތަށް ބަލާއިރު، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށްކަމުން، އުތުރުގެ އަތޮޅުތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ށ. ފުނަދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ފުނަދޫއަށް އިއްޔެ 110.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހަނިމާދޫއަށް 109.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ކަނޑިތީމަށް 105.4 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސަރާއަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!