މެކްޑޮނަލްޑްސް އިން ކެއި ނަގެޓްސް ތެރެއިން ފެނުނީ މާސްކެއް!

އިނގިރޭސިވިލާތުގެ މެކްޑޮނަލްޑް އަކަށް ކާންދިޔަ ދެމައިންނަށް އެމީހުންގެ ކާއެއްޗެހިން މާސްކެއްގެ ބައެއް ފެނިއްޖެއެވެ.

ލައުރާ އާބާރ ނަމަކަށްކިޔާ އަންހެނަކު ކިޔައިދިން ގޮތުގައި، އޭނާގެ 6 އަހަރުގެ ދަރިފުޅު ކާން ގެނައި “ހެޕީ މީލް” ގައި ހިމެނުނު ޗިކަން ނަގެޓްސްގެ ތެރޭގައި މާސްކުގެ ބައެއް އޮތްކަން އެނގުނީ އެކުއްޖާ އެތިކޮޅެއް ކެއި ތަނާ ކަރުގައި އަޅަން ފެށުމުންނެވެ. “ބާކީ އޮތް ނަގެޓް ކަފާލައިގެން ބެލިއިރު ފެނުނީ ނޫ ކުލައިގެ އެއްޗެއް. ރަނގަޅަށް ބެލިއިރު އެނގުނީ އެއީ ސާޖިކަލް މާސްކެއްގެ ބައެއް ކަން”، ލައުރާ ކިޔައިދިނެވެ.

އާއްމުވެފައިވާ ވީޑިއޯގެ މަންޒަރެއް

މިހާރު ވަނީ އެ ހާދިސާގެ ވީޑިއޯވެސް އާއްމުވެފައެވެ. ވީޑިއޯއިން ފެންނަނީ ޗިކަން ނަގެޓެއް ވަޅިއަކުން ކަފާލާއިރު، މަޑުނޫކުލައިގެ އެއްޗެއް އޮންނަ ތަނެވެ. ބަލާބެލުމަށް ސާޖިކަލް މާސްކެއްގެ ބަޔާ ވައްތަރެވެ.

“އަހަރެންގެ ދަރިފުޅު ކަރުގަ އަޅައި ކޮށިއަރާތީ ކަރުތެރެއަށް އަތްލައިގެން ބެލިއިރު ނުކުތީ ނޫކުލައިގެ އެއްޗެއް”، ފުރަތަމަ ވީ ގޮތް ލައުރާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން މެކްޑޮނާލްޑްގެ ކޯޕަރޭޓް އޮފީހުން ވަނީ މާފަށް އެދިފައެވެ. އަދި ލައުރާ ވަނީ އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން، އާއްމު ތަންތާނގައި މާސްކު އަޅައިގެން އުޅުން ވަނީ ގިނަ ޤައުމުތަކަކުން ލާޒިމްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!