ރިއާ އަތުގައި އޮތީ ސުޝާންތުގެ އެންމެ ހަނދާނެއް ކަމަށް ބުނެފި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާ ސީބީއައި ހަވާލުވެ، ތުހުމަތުކުރެވޭ މީހުންނާ ސުވާލު ކުރުމުގެ ތެރެއިން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީއާ އިއްޔެ ވަނީ ސުވާލުކޮށްފައެވެ.

އެގޮތުން ރިއާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އޭނާގެ އަތުގައި ސުޝާންތުގެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ބުނެފައެވެ. ސުޝާންތުގެ ފައިސާތަކަކަށް މަކަރުހަދައި އޭގެ ބޭނުންކޮށްފައިވާ ކަމަށް ސުޝާންތުގެ އާއިލާއިން ކުރާ ތުހުމަތު ވެސް ރިއާ ވަނީ ދޮގުކޮށްފައެވެ.

ރިއާ ބުނި ގޮތުގައި، އޭނާގެ އަތުގައި އޮތީ ސުޝާންތަށް ނިސްބަތްވާ އެންމެ އެއްޗެއް ކަމަށާއި، ދެން އޮތީ ސުޝާންތުގެ ޑައިރީއެއްގެ ޞަފްހާއެއް ކަމަށެވެ. ރިއާގެ އަތުގައި އޮތް ސުޝާންތުގެ އެއްޗަކީ ފެން އަޅަން ގެންގުޅޭ ފުޅިއެކެވެ. ސުޝާންތު ކުޅުނު ފިލްމު ކަމަށްވާ “ޗިޗޯރޭ” ގެ ނަން ޖަހާފައި އޮތް އެ ފުޅީގެ ފޮޓޯ ރިއާ ވަނީ ހިއްސާކޮށްފައެވެ.

ހަމައެހެންމެ، ސުޝާންތު ލިޔެފައި އޮތް ޑައިރީގެ ޞަފްހާ ވެސް ރިއާ ހިއްސާކުރިއެވެ. އޭގައި ސުޝާންތު ލިޔެފައިވަނީ، ރިއާ އަށާއި ރިއާގެ އާއިލާއަށް ޝުކުރުވެރިވާ ކަމަށެވެ. އެގޮތުން، ރިއާއަށް ސުޝާންތު ލޯބިން ކިޔައުޅޭ ނަމާއި، ރިއާގެ ކޮއްކޮގެ ވަނަމާއި، ރިއާގެ މައިންބަފައިންނަށް “ސާރ” އަދި “މޭމް” ގެ ނަމުން މުޚާތަބުކޮށް ވަކިވަކިން ޝުކުރުއަދާކޮށްފައި ވެއެވެ. މީގެ އިތުރުން، ސުޝާންތު ލޯބިން ގެންގުޅޭ ކުއްތާ “ފަޖް” އަށް ވެސް ޝުކުރުވެރިވާ ކަމަށް އެ ޑައިރީގައި ލިޔެފައިވެއެވެ.

ޑައިރީގެ ފޮޓޯތައް އާއްމުވުމާއެކު ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ، ސުޝާންތުގެ ހަޔާތާ ބެހޭ ޑައިރީއެއްގައި ރިއާގެ އާއިލާގެ އެންމެންނަށް ޝުކުރުވެރިވާ ވާހަކަ ލިޔެފައި އޮތް އިރު، ސުޝާންތުގެ އާއިލާގެ އެކެއްގެ ވާހަކަވެސް ނެތުމުންނެވެ. އެންމެކުޑަމިނުން ސުޝާންތުގެ ދައްތައެއްގެ ނަން ވެސް ލިޔެފައި ނެތްތާނގައި، ރިއާގެ ކޮއްކޮގެ ނަން އޮތުމުން އޭގެން އެކަނި ވެސް ރިއާ ސުޝާންތަށް ނުފޫޒު ފޯރުވާފައި އޮތް މިންވަރު ފެންނަ ކަމަށް ބައެއް މީހުން ފާހަގަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!