ކޮވިޑާ ގުޅޭ ކަންކަމުގައި މަޖިލީހަށް އާންމުންގެ ހިޔާލު ހޯދަނީ

ކޯވިޑް-19 ގެ ޕެންޑެމިކްއާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ޚިޔާލު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޯވިޑް-19 ގެ ޕެންޑަމިކް އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކުރިޔަށް ގެންދާގޮތާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތްތަކާއި މެދު ސިއްހީ ފަރާތްތަކާއި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، އަމަލުކުރަމުންދާ އުސޫލުތަކާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިޔުމަށް ފެންނަ ގޮތުގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ހިޔާލު ފާޅު ކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ކުރިން ސިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުން ތަކެއް، ހާޟިރުވެ ސިއްޙީ ދާއިރާ އާއި ގުޅޭ ގޮތުން އެބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި ރައީސް ޔާމީނުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓެރިއަކަށް ހުންނެވި، ހަދީޖާ އަބްދުއްސަމަދާއި، ކުރީގެ ހެލްތު ވޯކަރު ހަފީޒާ އަލީ އާއި ޑރ. އިސްހާގް ޝަފީގާއި، އިތުރު ދެބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!