މިދިޔަ މަހު ކަރެކްޝަންސްގެ ބެލުމުގެ ދަށަށް 34 މީހަކު

އެކި ކުށްތަކުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށަށް 34 މީހަކު މިދިޔަ މަހު ގެންދެވުން ކަމަށް ކަރެކްޝަންސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންމެ ގިނަ ބަޔަކަށް ހުކުމްކޮށްފައި ވަނީ ފޭރުގެ މައްސަލަތަކާއި ގުޅިގެންނެވެ. އެއީ ހުކުމް ކުރި މީހުންގެ 43.75 އިންސައްތަ މީހުންނެވެ. އަދި 37.5 އިންސައްތަ މީހުންނާއެކު ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.

މިދިޔަ މަހު ކޮރަޕްޝަނާއި އޮޅުވާލުމުގެ ކުށްތަކުގައި ޖަލަށް ލުމަށް ހުކުމްކުރީ 6.25 އިންސައްތަ މީހުންނެވެ. އަދި ނުކިޔަމަންތެރިވުމާއި މަނާ ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ މައްސަލަކުގައި ވެސް ޖަލަށް ހުކުމް އިއްވާފައި ވަނީ 6.25 މީހުންނަށް ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.

އޭގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ޖަލުގައި ހިންގުނު އޮޕަރޭޝަންތަކުގައި ވަނީ ޖަލުގައި ގެންގުޅުން މަނާ ސާމާނު ވެސް ހޯދާފަ އެވެ. އެ ތަފާސްހިސާބުތަކަށް ބަލާއިރު މާފުށީ ޖަލުން ވަނީ 21 ފޯނާއި 14 ޗާޖަރު އަދި 34 ސިމް ކާޑާއި އެއް ހެޑްސެޓްގެ އިތުރުން ވެސް ގެންގުޅުން މަނާ އެތައް ސާމާނެއް ވަނީ އަތުލައިގެންފަ އެވެ. އަދި މާލޭ ޖަލުން 13 ފޯނާއި ހަތަރު ސިމް ކާޑު އަދި ދެ ހެޑްސެޓާއި އަށް ފޯނު ބެޓެރި ވަނީ އަތުލައިގެންފަ އެވެ. އަދި އައްސޭރި ޖަލުން ވަނީ 10 ފޯނާއި ފަސް ޗާޖަރު އަތުލައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!