ރިޟްވާންގެ މަރުގެ ހާދިސާގެ ބަޔޮގްރަފީއެއް ނެރެފި

ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާލައި ބަޔޮގްރަފީއެއް ނެރެފިއެވެ.

“ގެއްލުވާލި މައުސޫމް ދިވެހި ދަރިއެއް” ނަމުގައި ލިޔެފައިވާ ބަޔޮގްރަފީގައި އެ ހާދިސާ ހިނގާދިޔަ ގޮތާއި، ޝަރީއަތް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ލިޔެފައިވެއެވެ.

މި ބަޔޮގްރަފީގައި ރިޟްވާނަށް ޚާއްސަ ލަވަޔަކާއި އޭނާގެ ދައްތަގެ ޚާއްސަ ލިޔުމެއްވެސް ހިމަނާފައިވެއެވެ.

ރިޟްވާން މަރާލާފައިވާކަން މިހާތަނަށް ހިންގި ތަޙްޤީޤުން އެނގިފައިވާކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށެވެ.

ރިޟްވާންއާއި ޔާމީން މަރާލި މީހުންނަކީ އެއް ބައެއްކަން އެނގިފައިވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އަދި އެމީހުން މަރާލާފައިވަނީ ދީނީ ހަރުކަށި ޖަމާޢަތްތަކުން ކަން އެނގޭކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!