4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް ޝަރީއަތް ނިމެންދެން ބަންދަށް

އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ ހަތަރު އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، 2020 އޯގަސްޓް 03 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 އޯގަސްޓް 04 ވަނަ ދުވަހުއެވެ.

އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ޝުޢާޢު ޝަރީފް ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް 2020 އޯގަސްޓް 04 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ދޫކޮށްލަން ނިންމައި ނެެރުނު އަމުރު މުރާޖާ ކޮށްދެއްވުމަށް ކޯޓުގައި އެދުމުން، 2020 އޯގަސް 06 ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައިވަނީ، މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާ ހިނދު ޝުޢާޢު ޝަރީފް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި ޝުޢާޢު ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް ޝުޢާޢު ޝަރީފްގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީވެ ޝުޢާޢު ޝަރީފް ގާނޫނު ނަންބަރު 12/2016 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި ދަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!