މޮރޮކޯ އިން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ ފުރުސަތު އިތުރުކޮށްފި

މޮރޮކޯ ސަރުކާރުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެޤައުމުގެ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ އިންސްޓިޓިއުޝަންތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލަރޝިޕްގެ ފުރުސަތު އިތުރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރުސަތުތަށް އިތުރުކޮށްދެއްވާފައިވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮރޮކޯއަށް ކުރެއްވެވި ރަސްމީދަތުރުފުޅުގައި އެޤައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކާއި ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މޮރޮކޯ ސަރުކާރުން މީގެކުރިން ދިވެހި ސަރުކާރަށް ދެމުން އައިސްފައި ވަނީ އަހަރަކު ފަސް ސްކޮލާޝިޕް ކަމަށެވެ. އެހެން ނަމަވެސް މޮރޮކޯ ސަރުކާރުގެ އެ ނިންމުމުގެ ސަބަބަން މިއަހަރުން ފެށިގެން ދިވެހި ދަރިވަރުންނަށް، ސައިންސާއި، ފަންނީ އަދި އިގްތިސާދީ ދާޢިރާތަކުންނާއި، އިސްލާމިކް ސްޓަޑީޒްއާއި އަރަބިކް ލެންގުއެޖް އަދި ލިޓްރެޗާގެ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށް 20 ސްކޮލާޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު އުސޫލުގެ މަތިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ ފަރާތުން ހުޅުވާލެވިގެން ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މޮރޮކޯއަކީ ދިވެހިރާއްޖެއާއެކު ޒަމާންވީ ގާތް ގުޅުމެއް އޮންނަ އަޙުވަންތަ ޤައުމެކެވެ. މިގޮތުން، މިނިސްޓަރ ޝާހިދު މިދިޔަ އަހަރު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ދިވެހި ތާރީޚުގައިވެސް ދިވެހި ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަމުން، މިދަތުރުފުޅުވެގެން ގޮސްފައިވަނީ މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެމެދު ވާ ގާތްގުޅުމަށް އިތުރުވި ބޮޅަކަށެވެ. މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރމާބެހޭގޮތުންނާއި، ތަރައްޤީގެ އެކި ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމާބެހޭގޮތުން ވަނީ މަޝްވަރާތައްކުރެވިފައެވެ. ހަމައެއާއެކު މޮރޮކޯ ސަރުކާރާ ދިވެހި ސަރުކާރާދެމެދު 4 ބައިލެޓްރަލް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!