ޖޭއެސްސީން ނަޝީދު އިސްތިއުފާ ދެއްވަން ގޮވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

ޑީއާރުޕީން މިއަދު ބުނި ގޮތުގައި، މިދިއަ ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބުގައި ވެސް ރައްޔިތުން އެމްޑީޕީއަށް ވޯޓުދިނީ ޖުޑީޝަރީ މިނިވަން ކުރުމުގެ ވައުދު ތަންފީޒުކުރުމަށް ކަމަށެވެ.

“ނަމަވެސް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ޖުޑީޝަރީ ހިސޯރުކޮށްފައިވާ މަންޒަރު،” އެކަން ބަލައިނުގަނެވޭނެކަމަށް ބުނެ ޑީއާރުޕީން ތުހުމަތުކުރި އެވެ.

އެގޮތުން، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވަނީ ޖުޑީޝަރީ މިނިވަން ކުރުމަށްޓަކައި، ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވައި، އެ ކޮމިޝަނުގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭ ގޮތަށް ގާނޫނު އިސްލާކުރަންކަމަށް އެ ޕާޓީން ބުންޏެވެ.

“ނޫންނަމަ، މަޖިލިސް ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ހިމަނަން ގޮވާލަން،” އެ ޕާޓީން ބުންޏެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!